ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އިތުރު ފުޓްސަލް ދަނޑެއް ހުޅުވައިފި

ލަންކާގައި ދެވަނަ ފުޓްސެލް ދަނޑެއް ހުޅުވުމުގެ ރަސްމިއްޔާުގެ ތެރެއިން: ފޮޓޯ-ޔޫތް މިނިސްޓްރީ

އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ހާއްސަކޮށްގެން ދިވެހި ސަރުކާރުން ލަންކާގައި އެޅި ދެވަނަ ފުޓްސަލް ދަނޑު، ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އިރްތިޝާމް އާދަމް ހުޅުވައިދެއްވައިފިއެވެ.

މޯލްޑިވްސް އެޑިއުކޭޝަނަލް ކަލްޗްރަލް ސެންޓަރު (އެމްއީސީސީ) ގައި މިއަދު ހުޅުވި ފުޓްސަލް ދަނޑުގެ އިތުރުން ސްޕޯރޓްސް އެރީނާ މަޝްރޫއުގެ ދަށުން 2015 ވަނަ އަހަރުވެސް ވަނީ އެ ސެންޓަރުގައި ފުޓްސަލް ދަނޑެއް އަޅައިފައެވެ.

މި ސަރުކާރުގެ އެންމެ ކާމިޔާބު އެއް މަޝްރޫއު ކަމަށްވާ، ސްޕޯރޓްސް އެރީނާ މަޝްރޫއުގެ ދަށުން ލަންކާގައި އެޅި މި ފުޓްސަލް ދަނޑު ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު އިރްތިޝާމް ވިދާޅުވީ، ލަންކާއަކީ، ގިނަ އަދަދަކަށް ދިވެހީން އުޅޭ ގައުމަކަށްވާއިރު އެ ދިވެހީންނަށް ހާއްސަކޮށްގެން ކުޅިވަރު ވަސީލަތްތަކާއި ރާއްޖެއަށް އަންނަ ތަރައްގީގައި އެރައްޔިތުން ބައިވެރިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބަޖެޓުން 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލަންކާގައި އެ ދަނޑު އެޅުމަށް ހަރަދުކުރެވިފައިވާ ކަމަށާއި މިއަދު ހާސިލްވެގެން އެދިޔައީ ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ފޮނި އުންމީދެއްކަަމަށެވެ.

އަވައްޓެރި ސްރީލަންކާގައި ދެވަނަ ފުޓްސަލް ދަނޑު މިއަދު ހުޅުވިގެން ދިޔައިރު މިދިޔަ ހަފްތާގައިވަނީ އައްޑޫ ސިޓީގެ ތިން ރަށެއްގައި ދަނޑުތަކާއި ކޯޓްތައް އެޅުމަށް ބަޔަކާ ހަވާލުކޮށްފައެވެ. އަދި ދާދި ފަހުންވަނީ 12 ރަށެއްގައި އިތުރު 15 ފުޓްސަލް ދަނޑުއަޅަން ނިންމައި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް