ގެއްލިގެން ދިޔައީ މުހިއްމު ތިން ޕޮއިންޓް: ޝާކިރު

މާލޭ ލީގުގައި އީގަލްސްއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި މިއަދު ޓީސީ އަތުން ބަލިވުމުން ގެއްލިގެންދިޔައީ މުހިއްމު ތިން ޕޮއިންޓު ކަމަށާއި މިއަދުގެ މެޗުގައި ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ނެތްތަން ވަރަށް ބޮޑަށް ދެއްކި ކަމަށް އީގަލްސްގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު ބުނެފިއެވެ.

މިއަދު ހަވީރު އީގަލްސް މައްޗަށް ޓީސީން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް އީގަލްސް ނުކުތް އިރު އެޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ވަނީ ކްލަބް މޯލްޑިވްސް ކަޕް ކުޅުމަށްޓަކައި ދޫކޮށްފައެވެ.

މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޝާކިރް ބުނީ މިއަދު ގެއްލިގެން ދިޔައީ މުހިއްމު ތިން ޕޮއިންޓް ކަމަށާއި ނަމަވެސް މިހިސާބުން އުންމީދު ގެއްލުވާނުލާނެ ކަމަށެވެ.

ޝާކިރު ބުނީ މަސައްކަތް ކުރާނީ ހެދުނު ގޯސްތައް ރަނގަޅުކޮށް ކުރިއަށް އޮތް މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދަން ކަމަށެވެ.

"ބައެއް މުހިއްމު ކުޅުންތެރިން ނެތީމާ ފެށުން ދިޔައީ ގޯސްކޮށް. މުހިއްމު ތިން ޕޮއިންޓް މި ގެއްލުނީ. ނަމަވެސް އަދިވެސް މަސައްކަތް ކުރާނަން ގަދަ ހަތަރަކަށް އެރުމަށް،" ޝާކިރު ބުންޏެވެ.

މިއަދު އީގަލްސްއަތުން ތިން ޕޮއިންޓް ހޯދުމަށްފަހު ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއަދު ލިބިގެން މިދިޔަ ޕޮއިންޓްތަކަކީ މިވަގުތަށް ވަރަށް މުހިއްމު ތިންޕޮއިންޓް ކަމަށާއި އުންމީދު ކުރި ވަރުގެ ނަތީޖާއެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.

" ކުޅުންތެރިންގެ މަސައްކަތް ރަނގަޅު. މިއީ މުހިއްމު މޮޅެއް. މި ދަނޑިވަޅުގަ ކޮންމެހެން ހޯދަންޖެހޭ ތިން ޕޮއިންޓް ލިބިގެން މިދިޔައީ،" ނިޒާމްބެ ބުންޏެވެ.

މި ނަތީޖާއާއެކު އީގަލްސް އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ ފަސްވަނަ މަގާމުގައެވެ. ޓީސީ އޮތީ 10 ޕޮއިންޓާ އެކު ލީގުގެ ތިންވަނަ މަގާމުގައެވެ.

comment ކޮމެންޓް