ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓާއި ފެން އަދި ނަރުދަމާ ގާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

 ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުރެހުމެއް --- ފައިލް ފޮޓޯ

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަންޓާއި ފެން އަދި ނަރުދަމާގެ ނިޒާމު ފަރުމާކޮށް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ކުރި އިއުލާނެއްގައި ބުނީ އެމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އާދިއްތަ ދުވަހުގެ މެންދުރު 02:00ގައި އެ ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 02:00 ގެ ކުރިން ބިޑު ހުށަހަޅަން ވާނެ ކަމަށެވެ.

ބިޑު ހުޅުވާނީ އެދުވަހުގެ 02:00ގައެވެ. މިއީ ކޮންޓްރެކްޓާ ފައިނޭސްގެ އުސޫލުން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ޕްރޮޖެކްޓެކެވެ. ބިޑު ހުށަހަޅާއިރު ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި އެއްލައްކަ ޑޮލަރު ހުށަހަޅަން ވާނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތްތައް ދޭން ހުޅުވާލި އިރު މިހާރު އެސަރަހައްދުގައި ސަރުކާރުން ދަނީ އެކި ކުންފުނިތަކާ ގުޅިގެން ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމަސައްކަތް ކުރުމަށް މިހާރު ވަނީ ހަތަރު ކުންފުންޏަކާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް