ހުޅުމާލޭގައި ޝޮޕިން މޯލް އަޅަން ދެ ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލޭގައި ޝޮޕިން ކޮމްޕްލެކްސް ހެދުމަށް ހުރަވަޅި އެކު ސޮއިކުރުން. --

ހުޅުމާލޭގައި މަލްޓީ ސްޓޯރީ ޝޮޕިން ކޮމްޕްލެކްސް އެޅުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ބުނި ގޮތުގައި ޝޮޕިން ކޮމްޕްލެކްސް އަޅަނީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައެވެ. އެ ދެ ސަރަހައްދުގައި ޝޮޕިން ކޮމްޕްލެކްސް އަޅަން ހަވާލު ކުރީ ސޮނީ ހާޑްވެއާ އާއި ޗަމްޕާ އާއިލާއިން އޮޕަރޭޓް ކުރަމުން އަންނަ ހުރުވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓްސް އާ އެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮނީ ހާޑްވެއާއާ ހަވާލު ކުރީ ހަ ބުރީގެ ޝޮޕިން ކޮމްޕްލެކްސް އެއް އެޅުމަށެވެ. އެ ޝޮޕިން ކޮމްޕެލްސް އިމާރާތް ކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭގައި ހުންނަ ރާއްޖޭގެ އެންމެ ބޮޑު ސްކޫލު ކަމުގައިވާ ރެހެންދި ސްކޫލު ހުންނަ ސަރަހައްދުގައެވެ. އާންމު ހާޑްވެއާގެ ބާވަތްތަކަށް ހާއްސަކޮށް ހަ ފްލޯއަށް ހަދާ އެ ޝޮޕިން ކޮމްޕްލެކްސް ނިމޭނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަނެވެ. ސޮނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމެވެ.

ހުޅުމާލޭގައި ޝޮޕިން ކޮމްޕްލެކްސް ހެދުމަށް ސޮނީއާ އެކު ސޮއިކުރުން. --

ހުރުވަޅި ރިސޯޓް އިންވެސްޓްމަންޓްސްއާ ހަވާލު ކުރީ ފެރީ ޓާމިނަލް ކައިރީގައި ބީޗް ޕްރޮންޓަށް ވާ ގޮތަށް ޝޮޕިން ކޮމްޕްލެކްސްއެއް ހެދުމަށެވެ. ދެ ފްލޯއަށް ހަދާ އެ ކޮމްޕްލެކްސްގައި ފިހާރަތަކުގެ އިތުރަށް ފާހާނާ އާއި ނަމާދު ކުރާ ކޮޓަރި އާއި އޭޓީއެމްތައް އަދި ހިލޭ ވައިފައި ލިބޭނެ އިންތިޒާމް ގާއިމް ކުރާނެ އެވެ.

އެކުންފުންޏާ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރެވެ.

comment ކޮމެންޓް