ލޯޑަރު ދަށުވެ ކުއްޖަކު މަރުވި މައްސަލައިގެ ޝަރީއަތް ފަށައިފި

ލޯޑަރުގެ ދަށުގެ ޒަހަމްވި އަމާނުﷲ-- ސަން ފޮޓޯ/ ފައިހަތު

ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ 10 އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ލޯޑަރު ދުއްވަން އިން ޑްރައިވަރުގެ ޝަރީއަތުގެ އަޑުއެހުންތައް ބުރާސްފަތި ދުވަހު ފަށައިފި އެވެ.

އެ މައްސަލާގައި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރިކަމުގެ ދައުވާ އުފުލާފައި ވަނީ ސ. މީދޫ، އިރުމަތީގޭ ޒާހިދު ހަސަންގެ މައްޗަށެވެ.

އިބްތިދާއީ އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުވާ އިއްވާފައެއް ނުވެ އެވެ.

ޝަރީއަތުގައި ޒާހިދު ބުނީ، މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ. ގާޒީ ވަނީ ފަސް ދުވަހުގެ މުއްދަތެއް ވަކީލެއް އައްޔަން ކުރުމަށް ދީފަ އެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވަނީ، އެ މައްސަލައިގެ ޝަރީއަތް ގދ. ފަރެސްމާތޮޑާގެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ވިދާޅުވެ، އެކަން އެ ގޮތަށް ކުރުމާ މެދު ގޮތެއް ނިންމައި ދިނުމަށް ދައުލަތުގެ ވަކީލުގެ ކިބައިން އެދިފަ އެވެ.

ސަބަބެއްގެ ގޮތުގައި ގާޒީ ވިދާާޅުވީ، ޒާހިދުގެ އިތުރުން، ދައުލަތުން ހުށަހަޅާ ހެކިންނަކީވެސް އެ ރަށުގައި ދިރިއުޅޭ މީހުން ކަމުގައި ވުމުން، ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެތީއެވެ.

ިއިއްޔެ ބޭއްވި އަޑުއެހުމުގައި މައްސަލައާއި ގުޅޭ ލިޔެ ކިޔުންތައް ޒާހިދުއާ ހަވާލުކޮށްފައިވެ އެވެ.

މާތޮޑާ އަވަށަށް ނިސްބަތްވާ އަހުމަދު އަމާނުﷲ ލޯޑަރު ދަށުވެ މަރުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.

ދައުލަތުން ކުރި ދައުވާގައި އެ ހާދިސާ ހިނގި ގޮތް ތަފްސީލުކޮށް ވަނީ ކިޔައިދީފަ އެވެ. ދައުވާގައިވާ ގޮތުން ޒާހިދު ވަނީ އެ ލޯޑަރަށް އަމާނުﷲ އަރުވައިގެން އެރަށު އުފާގެއަށް ގޮސް ލޯޑަރުގެ ބަކެޓުގައި ހުރި ފީފާތައް އެގެއަށް ބާލައިފަ އެވެ.

އެއަށް ފަހު އަމާނުﷲ އެ ބަކެޓް ތެރޭގައި އިންކަން ބެލުމެއް ނެތި މާތޮޑާ އަވަށު ބޭރުމަގުން ހުޅަނގުން އިރަށް ލޯޑަރު ދުއްވާފައި ދަމުން ލޯޑަރުގެ ބަކެޓް ކުރިމައްޗަށް ބަންޑުން ކުރާގޮތަށް ފުރޮޅާލިވަގުތު އަމާނުﷲ ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގައިވާގޮތުން އެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އެ ދައުވާ އަށްް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ އެއް ހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެ ދައުވާ އަށް ކަނޑައެޅޭ އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް