ޗެމްޕިއަން އިމިގްރޭޝަން ކަޓައި ސެމީން ޖާގަ ހޯދި ޓީމުތައް ކަށަވަރުވެއްޖެ

ވިމެންސް ފުޓްސަލް ފިއެސްޓާގައި އެމްއޭސީއެލްއާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްއޭސީއެލް މޮޅުވީ 6-3 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިހާރު ކުރިއަށްދާ ކުލަބް މޯލްޑިވްސް ކަޕްގެ 18/31 ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލަށް ދަތުރު ކުރި ޓީމް ތައް ކަށަވަރުވެއްޖެއެވެ.

ސެމީ ފައިނަަލަށް ދިޔަ ޓީމުތައް ކަށަވަރުވީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަަކަށް ފަހުގައެވެ.

ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކުރި ޓީމް ތަކަކީ ފެނަކަ، އެމްއޭސީއެލް، ސިފައިންގެ ކުލަބް އަދި ޕޮލިސް ކުލަބެވެ.

މި އަހަރުގެ މުބާރާތަށް ވަރުގަދަ ސްކޮޑަކާ އެކު ކުރިމަތިލި ފެނަކައިން ސެމީގެ ޖާގައެއް ކަށަވަރުކުރީ އެސްޓިއޯ ބަލިކޮށްގެންނެވެ. ފެނަކައިންވަނީ އެސްޓިއޯ ކޮޅަށް 12 ގޯލް އެ މެޗުަގއި ޖަހާފައެވެ. އެސްޓީއޯ އަށް ފެނަކަ ކޮޅަށް ޖެހުނީ އެންމެ ލަނޑެކެވެ.

ދެވަނަ މެޗުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ އަވަ އެފްޓީއާ ޕޮލިސް ކުލަބް ވާދަކުރިއިރު މެޗު ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ. އެޓީމުން މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިއަހަރު އެންމެ ވަރުގަދަ ސްކޮޑަކާ އެކު ކުރިމަތިލި އެމްޕީއެލްއިން މުބާރާތް ނިންމާލަން ޖެހުނީ ސެމީއިން ޖާގައެއް ނުލިބިއެވެ. އެޓީމް ބަލިވީ އެމްއޭސީއެލް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން އިމިގްރޭޝަނާއި ދިވެހި ސިފައިންގެ ކުލަބް ވާދަކުރިއިރު އިމިގްރޭޝަން މުބާރާތާ ވަކިވީ ޕެނަލްޓީން ކުރި ނުލިބުމުންނެވެ. ވާދަވެރި ކުޅުމަކަށްފަހު މި މެޗް 1-1 އެއްވަރުވެގެން ނިމުނު އިރު ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ނަމަވެސް ޕެނަލްޓީން އިމިގްރޭޝަނަށް ކުރި ނުލިބުމުން ސެމީއަށް ދިޔައީ ސިފައިންނެވެ.

އެ މުބާރާތުގެ ސެމީފައިނަލުގެ މެޗުތައް އަންނަ މަހުގެ ދެވަނަ ދުވަހު ކުޅޭ އިރު ސެމީގައި ވާދަކުރާނީ އެމްއޭސީއެލްއާ ފެނަކައެވެ. އަދި ދެވަނަ ސެމީގައި ނުކުންނާނީ ސިފައިންނާ ފުލުހުންނެވެ.

comment ކޮމެންޓް