ސްޓްރާޑާގެ ވިޔަފާރިތަކުގެ "އަގު ވައްޓާ" ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަނީ

ނިއުޕޯޓު ރެސްޓޯރަންޓް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގައި ރެސްޓޯރަންޓާއި ބައިނަލްއަގުވާމީ ބްރޭންޑުތަކެއްގެ އައުޓްލެޓްތައް ހިންގަމުން އަންނަ ސްޓްރާޑާ ކުންފުނީގެ ވިޔަފާރިތަކުގެ ނަން ހަޑިކޮށްލައި، ނަފްރަތު އުފައްދަމުން ގެންދާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެކުންފުނިން ނިންމައިފިއެވެ.

ސްޓްރާޑާއަކީ ނިއުޕޯޓް ރެސްޓޯރަންޓް، އަދި ބައިނަލްއަގުވާމީ ދެ ފްރެންޗައިޒް ކަމުގައިވާ ކޮކޯބެރީ، އަދި މިހާރު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ޗާޓައިމް ރާއްޖޭގައި ހިންގާ ކުންފުންޏެވެ.

އެކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ހަފްތާ ތެރޭގައި އެކުންފުނީގެ ވިޔަފާރިތާއި އިސް ފަރާތްތަކުގެ އަގު ވައްޓާލުމުގެ ނާޖާއިޒު ބޭނުމުގައި، އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް، ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ.

"ކުންފުނީގެ ނަން ކިލަނބުކޮށްލައި، ވިޔަފާރިއަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން އެކި ސިފަ ސިފައިގައި މަސައްކަތް ކުރަމުން ދިއުމަކީ މި ކުންފުނިން ނިހާޔަތައް ހިތާމަ ކުރާކަމެއް،" އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، އެކުންފުނީގެ ތަސައްވަރު ގޯސްކުރުމަށް ހިންގަމުންދާ އެ ހަރަކާތްތަކަކީ ރާއްޖޭގެ ވިޔަފާރީގެ ވާދަވެރި މާހައުލުގައި ކުރިޔަށްދާން ހުރަސް އެޅުމަށް ބަޔަކު ރާވައިގެން ހިންގާ ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށާއި، އެކަމާ ގުޅިގެން ކުންފުނީގެ ވިޔަފާރިއަށް އިޔާދަ ނުކުރަވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެގެންދާ ކަމަށް ދެކޭ ކަމަށެވެ.

"ވުމާއެކު، މި ކުންފުނީގެ ޤާނޫނީ ވަކީލުންގެ މަޝްވަރާގެ މަތިން، ކުންފުނީގެ ނަން ހަޑިކޮށްލުމުގެ ބޭނުމުގައި ސޯޝަލް މީޑިއާ އާއި އަދި މުވާޞަލާތީ އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހިންގެ ތެރެއިން މަދުބަޔަކު ހިންގަމުންދާ ހަރަކާތްތަކާއި، އެކަންކަން ކަމަށް ހިތްވަރުދީ ރާވައި ހިންގަމުންދާ ފަރާތްތަށް ޝާމިލުވާނެ ގޮތުގެ މަތިން، އެފަރާތްތަކާއި މެދު ވަކިވަކިން ފިޔަވަޅު އަޅައި، މި ކުންފުނީގެ ވިޔަފާރި ބްރޭންޑްތައް ޙިމާޔަތް ކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޝަރުޢީ ކޯޓުތައް މެދުވެރިކޮށް، އެޅެންހުރި އެންމެހައި ފިޔަވަޅުތައް އެޅުމުމުގެ މަސައްކަތް މި ކުންފުނިން މިވަނީ ފަށާފައި،" ބަޔާނުގައި ސްޓްރާޑާއިން ބުނެއެވެ.

comment ކޮމެންޓް