ރިޔާޒް ފޯނުގެ ލޮކް ކޯޑު އެނގޭ މީހަކު ޝަރީއަތުގައި ހެކިބަސް ދީފި

އަބްދުﷲ ރިޔާޒު: ފޯނުގެ ކޯޑު ރިޔާޒަށް ނޭނގޭނެ ކަމަށް ހެކި ބަސް ދިން މީހާ ބުނި--- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ ފޯނުގެ ލޮކް ކޯޑު އެނގޭ މީހަކު ޝަރީއަތުގައި މިއަދު ހެކިބަސް ދީފި އެވެ.

ގާނޫނު ތަންފީޒު ކުރަމުންދާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތިން މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.

ރިޔާޒްގެ ފަރާތުން ދިފާއުގައި ހެކިބަސް ދީފައި ވަނީ، އަމީރު ޝާހު އެވެ. އެއީ ރިޔާޒަށް ބޮޑުބޭބެ ކިޔާ މީހެކެވެ.

ހެކިބަސް ދެމުން އޭނާ ބުނީ، ރިޔާޒުގެ ފޯނުގެ ކޯޑުތައް އެނގޭނީ އޭނާއަށް ކަމަށާއި، އެ ކޯޑުތައް ރިޔާޒަށް ނޭނގޭނެ ކަމަށެވެ. އެއީ އެ ފޯނަކީ ނިއްވާލާނެ އެއްޗެއް ނޫން ކަމަށް ރިޔާޒް ބުނެފައި ވާތީ ކަމަށެވެ. އަދި ފޯނު އަންލޮކް ކުރުމަށް ރިޔާޒް ބޭނުން ކުރަނީ ފިންގާ ޕްރިންޓް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އައިޓީ ރިލޭޓެޑް ހުރިހާ ކަމެއް ބެލެހެއްޓުމަށް ހަވާލުކޮށްފައި ވަނީ އޭނާއަށް ކަމަށެވެ. އެހެން ކަމުން ރިޔާޒުގެ ފޯނުގެ ސޮފްޓުވެއާ އަޕްޑޭޓް ކުރުމުގެ ކަންތައްތައް ވެސް ކުރަނީ އޭނާ ކަމަށް ޝަރީއަތުގައި އޭނާ ވަނީ ބުނެފަ އެވެ.

އަމީރު ޝާހު ބުނީ ފޯނުގެ ކޯޑު އެނގޭނީ ހަމައެކަނި އޭނާއަށް ކަމަށާއި، އެހެން ނަމަވެސް ކޯޑު ދިނުމަށް ރިޔާޒް އެދިވަޑައިގެންފި ނަމަ ކޯޑު ދީފައިވާ ކަމަށެވެ.

އަމީރު ޝާހު ބުނީ، ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި، އޭނާ ރާއްޖެ އައީ އެކަމާ ގުޅިގެން ރާއްޖެ އައުމަށް ރިޔާޒު އެންގުމުން ކަމަށެވެ. އަދި އެއަށްފަހު ފޯނުގެ ކޯޑު ދިނުމަށް ރިޔާޒު އެދުން ކަމަށާއި، ފަސް ކޯޑެއް ރިޔާޒަށް ދީފައިވާނެ ކަމަށް އަމީރު ބުންޏެވެ.

ރިޔާޒުގެ ފަރާތުން ދިފާއުގައި ފުލުހެއް ކަމުގައިވާ އިސްމާއިލް ވިލްދާން ހުށަހެޅި އެވެ. ނަމަވެސް ޝަރީއަތުގައި އޭނާ ވަނީ ދިފާއުގައި ހެކިބަސް ދިނުމަށް ދެކޮޅު ހަދާފަ އެވެ. އެހެންކަމުން ޝަރީއަތުން ނިންމެވީ މަޖުބޫރުކޮށްގެން ހެކިބަސް ނެގޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ރިޔާޒުގެ މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ މުހައްމަދު އަދުހަމްގެ ހެކިބަސް ވެސް ވަނީ ނަގާފަ އެވެ. އޭނާގެ ހެކިބަސް ނެގުމަށް ހާޒިރުކޮށްފައި ވަނީ ޝަރީއަތުގެ ބޭނުމަށް ޝަރީއަތުގެ ފަރާތުންނެވެ.

ހެކިބަސް ދެމުން އަދުހަމް ވިދާޅުވީ، ރިޔާޒުގެ ފޯނު ނިއްވާލާފައި ވަނީ އޭނާ އަމިއްލައަށް ކަމަށް، އަދުހަމް ގާތުގައި ތަހުގީގު ޓީމުގައި ހިމެނޭ އާރިފް އަލީ ބުނެފައިވާ ކަމަށެވެ.

އާރިފް އާ ހަވާލާދީ އަދުހަމް ބުނީ، ރިޔާޒުގެ ފޯނަށް ކޯލުތަކާއި މެސެޖް އަންނަމުންދާތީ، ފްލައިޓް މޯޑަށްލުމަށް ރިޔާޒުގެ އަތަށް ފޯނު ދިނުމުން ރިޔާޒް އަމިއްލައަށް ފޯނު ނިއްވާލީ ކަމަށެވެ.

ޝަރީއަތުގެ ފަރާތުން އިތުރު ދެ ފުލުހެއްގެ ހެކިބަސް ނެގުމަށް ޝަރީއަތަށް ހާޒިރުކުރި ނަމަވެސް އެތަނުން އެކެއްގެ ހެކިބަސް ނަގާފައެއް ނުވެ އެވެ. އެއީ މޮބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި ފުލުހެވެ. އޭނާގެ ހެކިބަސް ނަގާފައި ނުވަނީ، އެ ރިޕޯޓު ރިޔާޒަށް ލިބިފައި ނުވާތީ އެވެ.

ދިފާއީ ވަކީލުންނަށް އެ ރިޕޯޓު ލިބިފައި ނުވާކަން ފާހަގަކޮށް މީގެ ކުރިން ސުވާލު ނުކުރީ ކީއްވެތޯ ޝަރީއަތުން އެއްސެވުމުން ވަކީލުން ވިދާޅުވީ އެ ރިޕޯޓަކީ ހުށަހަޅާފައިވާ ރިޕޯޓެއް ކަމަށް އެނގިފައިވާ ރިޕޯޓެއް ނޫން ކަމަށާއި، އެފަދަ ރިޕޯޓެއްގެ ވާހަކަ މީގެ ކުރިން އެނގިފައި ނުވާ ކަމަށެވެ.

އެ ރިޕޯޓް ދިރާސާ ކުރުމަށްފަހު ރިޕޯޓު ތައްޔާރު ކުރި ފުލުސް މީހާ އާ ސުވާލުކުރުމަށް ފުރުސަތު ދިނުމަށް އަންނަ އާދީއްތަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މިއަދު ޝަރީއަތުގައި ވަނީ އިއުލާނު ކުރައްވާފަ އެވެ.

comment ކޮމެންޓް