ނަޝީދު މިނިވަން ކުރަން ބޭނުންނަމަ އިދިކޮޅު ލީޑަރުން ސިޓީ ފޮނުވަން ރައީސް އެދިވަޑައިގެންފި

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ޤައްޔޫމް (މ) އަދި މުހަައްމަދު ނަޝީދު (ވ) އާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީން، -- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ޓެރެރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ބޭނުންނަމަ އިދިކޮޅު ލީޑަރުން ވަކިވަކިން ސިޓީ ފޮނުއްވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.

ޕީޕީއެމާ އަލަށް ގުޅުނު 400 އަށް ވުރެން ގިނަ މީހުންގެ ފޯމް އެ ޕާޓީއާ ހަވާލުކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލުމުގެ ބާރު މިހާރުގެ ގާނުނުތަކުން އެމަނިކުފާނަށް ލިބިވަޑައިގެން ނުވާ ކަމަށާއި އެކަން ކުރެވެން އޮތީ ގާނޫނުތަކަށް ބަދަލު ގެނެއިސް ގެން ކަމަށެވެ.

"އަޅުގަނޑުމެނަށް ކުރެވޭނެ ކަމަކީ ރައީސް ނަޝީދު ވެސް މިނިވަން ވާން ބޭނުންނަމަ އިދިކޮޅުގައި ތިއްބެވި ހުރިހާ ލީޑަރުން ވެސް ވަކިވަކިން ސިޓީ ފޮނުއްވަވާ. ރައީސް މައުމޫން ވެސް ފޮނުއްވަވައި ދެއްވަވާ. އިމްރާން ވެސް ފޮނުއްވަވައި ދެއްވާ. ރައީސް ނަޝީދު ވެސް ފޮނުއްވަވާ ދެއްވަވާ. އަދި ގާސިމް އިބްރާހިމް ވެސް ވަކިން ސިޓީއެއް ފޮނުވަވާ ދެއްވާ ސޮއި ކުރައްވާފައި އަޅުގަނޑުމެން ބޭނުމޭ ރައީސް ނަޝީދު މިނިވަން ވާން އަދި މިކަން ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ދޭށޭ،" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ ކަންކަން އިސްލާހު ކުރެއްވުމަށް ގޮވާލަމުންދާ ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަން ތިބީ ތައްޔާރަށް ކަމަށާއި ނަމަވެސް އެ ފަރާތްތަކުން ބޭނުން ވަނީ މަޝްވަރާއަށް ހުކުމެއް ކޮށްފައި ހުރި މީހަކު ފޮނުވަން ކަމަށެވެ.

"މިހާރު ވެސް އެ އޮތީ ދައުލަތުގެ ފަރާތުން ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު އަރުވާފައި ގައުމު އިސްލާހު ކުރުމަށްޓަކައި ދައްކަން ހުރި ވާހަކަތަކެއް ހުރިނަމަ ވަޑައިގަންނަވާށޭ. އިސްލާހު ކުރައްވަން ބޭނުންފުޅުވާ ބޭފުުޅުން އިސްލާހުކުރައްވަން ހުރި ދާއިރާތައް ވިދާޅުވެ ދެއްވާ. ކޮންމެ ޕާޓީއަކުން ވެސް ކޮންމެ ފަހަރަކު ފުރަތަމަ ކަމަކަށް ވިދާޅުވާނީ ތިމަންނަގެ ޕާޓީން ވާހަކަ ދައްކަން ދާނީ މިވެނި މީހެކޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޝްވަރާތަކުގައި އެއްވެސް ގައުމަކުން ޓެރެރިސްޓުންނާއި ހުކުމް ތަންފީޒުކުރަމުންދާ މީހުން ބައިވެރި ކުރަން ބޭނުން ނުވާނެ ކަމަށާއި ހަމައެގޮތަށް ދިވެހި ސަރުކާރުން ވެސް އެ ފަދަ ފަރާތްތައް ބައިވެރިކޮށްގެން މަޝްވަރާތަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބޮޑެތި ހުކުމްތަކުގައި ތިބި މީހުނަށް މައާފު ދިނުމަކީ ގާނުނުގެ ތެރެއިން މިހާރު ރައީސަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެކަން ކުރެވެން އޮތީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ. އަދި އިދިކޮޅު ލީޑަރުން ގާނޫނަށް ބަދަލު ގެނައުމަށް އެދެފި ނަމަ ޕީޕީއެމްގެ ޕީޖީ ގްރޫޕް މެދުވެރިކޮށް މަޖިލީހަށް އެކަން ހުށަހަޅައި މަޖިލީހުގެ ރުހުން އޮތްތޯ ބެލިދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުރުން ގިނަ ސިޔާސީ ފަރާތްތަކެއް މިވަގުތު ވެސް ދަނީ އެކި އެކި ކުށްތައް ސާބިތުވެ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންނެވެ.

އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ވެސް ހުންނެވީ ޖަލު ހުކުމެއްގަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ. ހަމައެއާއެކު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ހައްޔަރުގައި ހުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް، ޝަރިއަތް ވަނީ ފަށާފަ އެވެ.

comment ކޮމެންޓް