ގާސިމްގެ ވާހަކަފުޅު، ހުއްދަ ނޫން މަންފާއަކަށް ވީ ގޮތް ބުނެދޭންޖެހޭ: ހިސާން

މިއަދުގެ އަޑުއެހުމަށްފަހު ގާސިމް ކޯޓުން ނުކުންނަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމް އަށް ވަޑައިގެންނެވި މެމްބަރުން އަލުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ގާސިމް އިބްރާހީމް އެދިވަޑައިގަތުމުން އެއީ ހުއްދަ ނޫން މަންފާއަކަށް ވަނީ ކިހިނަކުންކަން ދައުލަތުން ބުނެދޭންޖެހޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން އެހެން ވިދާޅުވީ ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ގާސިމްގެ ވަކީލުންނަށް ވާހަކަދައްކަން މިއަދު ފުރުސަތުދީފައި ވަނީ ޖުމްހޫރީ ޕާޓީގެ އިދާރާ މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މިއަދުގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ އެ ޖަލްސާގައި ގާސިމް ދެއްކެވި ވާހަކަފުޅުގެ ތަންކޮޅެއް ޝަރީއަތުގައި ދައްކައިފައެވެ.

އެއީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމަށް ވަޑައިގެންނެވި މެމްބަރުން އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓު ދެއްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ.

އެ ވާހަކަފުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމްގެ ވަކީލު ހިސާން ވަނީ، ދާއިރާގެ ޓިކެޓު ދިނުމާއި އިންތިޚާބު ކާމިޔާބުކުރަން އެހީތެރިވެދިނުން މަނާކުރަނީ ކޮން ގާނޫނަކުންތޯ ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.

"ފެއްސައް" ފިތާލުމަށް މެމްބަރުންނަށް ގޮވާލައި ގާސިމް ދެއްކެވި ވާހަކަފުޅާ ގުޅިގެން ހިސާން ވަނީ "ފެއްސައް" ފިއްތާލާށޭ ބުނީމަ ނުފޫޒަށް ވަނީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.

ހިސާން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުގައި ދެމެހެއްޓުމަށް ވޯޓު ދިނުމަކީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ގާސިމް ދެއްކެވި ވާހަކަފުޅުގައި ރިޝްވަތު ހުށަހެޅުމުގެ ނިޔަތް އޮތްކަން ދައުލަތުން ސާބިތުކޮށްދެނީ ކިހިނެއްތޯ ވިދާޅުވެ ހިސާން ސުވާލު އުފެއްދެވިއެވެ.

ސިޔާސީ ޕާޓީތައް ހިންގުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި އިންތިޚާބުތަކަށް މީހުން ކުރިމަތިލުމާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ހުއްދަކޮށްފައިވާ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފައި ކަމަށާއި ޕާޓީގެ ނިންމުންތަކާ ގުޅޭގޮތުން ޕާޓީގެ ލީޑަރަށް ވާހަކަދެއްކޭނެ ކަމަށެވެ. ގާސިމް ކުރައްވަން އުޅުނު ކަމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ހުއްދަކުރާ އަމަލެއް ކަމަށް ހިސާން ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމި ނިންމުން ދެން އޮންނަ އަޑުއެހުމަކަށް ހުށަހެޅުމަށް އަންގައިފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ގާސިމްގެ ވަކީލުން މިއަދު ދެއްކެވި ވާހަކަތަށް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވުމުގެ ފުރުސަތުދޭނެކަން އިއުލާންކުރެއްވުމަށްފަހުއެވެ.

comment ކޮމެންޓް