މާލޭ ލީގުގެ ޝެޑިއުލް އޮތްގޮތުން މާޒިޔާގެ ކޯޗް ރުޅިގަދަވެއްޖެ

އޭޕްރީލް 13، 2017: މާލޭ ލީގުގައި ނިއު ރޭޑިއަންޓް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން: ފޯރިގަދަ ކުޅުމަކަށް ފަހު 2 - 1 ލަނޑުން މެޗު ކާމިޔާބު ކުރީ މާޒިޔާ -- ސަން ފޮޓޯ // ފަޔާޒު މޫސާ

އޭއެފްސީ ކަޕްގައި އަންނަ ބުދަ ދުވަހު މާލޭގައި އިންޑިއާގެ މޯހަން ބަގާން އާ ދެކޮޅަށް ކުޅެން ޖެހޭ މެޗެއް އޮތުމުން، ކުޅުންތެރީން ރެސްޓްކުރުމަށްޓަކައި، އަންނަ ހޮނިހިރު ދުވަހު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗު ފަސްކޮށްދިނުމަށް މާޒިޔާއިން އެފްއޭއެމްގައި އެދެމުން އެކަން ވާން ނެތްކަމަށް އެފްއޭއިން ބުނުމުން މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮވްސްކީ ރުޅިގަދަވެއްޖެއެވެ.

ޔުނައިޓެޑް ވިކްޓަރީއާ މާޒިޔާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް ސެކުލޮވްސްކީ ބުނީ ލީގު މެޗް ފަސްކޮށްދިމުމަށް އެ ކުލަބުން އެފްއޭގައި އެދުނު ކަމަށާއި ނަަމަވެސް އެކަން ވާން ނެތްކަމަށް އެފްއޭއިން އަންގާފައިވާކަމަށެވެ.

" އެފްއޭއެމްއިން މި ބުނަނީ ނެތޭ އެގޮތަށް މެޗް ފަސްކޮށްދެވޭ ކަށް ޝެޑިއުލް އޮތް ގޮތުން. އަހަރެން ޖެނުއަރީ މަހު މާލެ އައުމުން ލިބުނު ޝެޑިއުލްގަ އޮތް ގޮތުން ފުރަތަމަ ރައުންޑް ނިމެންޖެހޭ މި ހަފްތާގައި. ނަމަވެސް ހަތަރު ފަހަރު މި ޝެޑިއުލް ބަދަލުކޮށްފި. އެކަމަކު އަހަރަމެން އެއްމެޗު ފަސްކޮށްލަން ބުނީމަ މި ބުނަނީ ނުވާނޭ. މިއީ އަހަރެންނަށް މޮޅެއް ހޯދާކަށް ނޫން މެޗް ފަސްކުރަން ބޭނުންވީ. ދެވަނަ ބުރަށް އޭއެފްސީ ކަޕްގައި ދިޔުމުގެ ފުރުޞަތު އޮތީމަ ދިވެހި ފުޓްބޯޅައަށްޓަކައި އެހެން އެދުނީ،" ރުޅިގަދަވެފައި ހުރެ ސެކުލޮވްސްކީ ބުންޏެވެ.

މިހާތަނަށް ލީގުގައި އެއްވެސް މެޗަކުން ބަލިވެފައި ނުވާ ކޯޗް ބުނީ އެފްއޭއިން މެޗް ފަސްކޮށް ނުދިނަސް މައްސަލައެއް ނެތް ކަަމަށާއި އެ ޓީމު ހިތްވަރުކޮށްފައި ކުޅޭނެ ކަމަށެވެ.

"މައްސަލައެއްނެތް އަހަރަމެން ކުޅޭނަން ހޮނިިހިރު ދުވަހުވެސް އަދި މޮޅުވެސް ވާނަން އަދި އޭގެ އިތުރުން ބުދަ ދުވަހު މަރުވެގެންވެސް މޯހަން ބަގާން ބަލިކުރާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ އެންމެންވެސް މާޒިޔާއަށް ތިކުރާ އިހްތިރާމާށްޓަކައި،" މާޒިޔާ ކުޅެން ޖެހިފައިވާ ޓައިޓް ޝެޑިއުލްއާ ބެހޭގޮތުން ވާހަަކަދައްކަމުން އެޓީމުގެ ކޯޗު ބުންޏެވެ.

މީގެ ކުރިންވެސް މާޒިޔާގެ ކޯޗް ވަނީ މިދިޔަ ހަފްތާގައި މޯހަން ބަގާން އާ ދެކޮޅަށް ކުޅުނު މެޗަށްފަހު ރެސްޓެއް ނެތި ލީގުގައި ވިކްޓަރީ އާ ދެކޮޅަށް ކުޅެން ޖެހުމުން ކުޅުންތެރިންނަށް އޭގެ ދަތިތައް ކުރިމަތިވާނެ ކަމަށްބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މާޒިޔާ ކޯޗްގެ ކަންބޮޑުވުންތާކާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކެރަޓަރީ ހުސެއިން ޖަވާޒްއާ ސުވާލުކުރުމުން ވިދާޅުވީ، އެފްއޭއެމްއިން ހުރިހާ ކުލަބަކަށްވެސް ފަސޭހަ ވާނެގޮތްތަށް ބަލަމުންދާކަމަށާއި އެފްއޭއެމްއިން ކަންކަން ނިންމާނީ ކުލަބްތަކަށް ފަސޭހަ ވާނެ ގޮތަށްކަމަށެވެ.

comment ކޮމެންޓް