ފަރުވާ ދިނުމުގެ ގައިޑްލައިން ހަދަން އައިޑީބީން ރާއްޖެއަށް ހަތަރު މިލިއަން ރުފިޔާ

މޯލްޑިވްސް މެޑިކަލް އެސޮސިއޭޝަން އާ މިނިސްޓްރީ އޮފް ހެލްތާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ

ބަލިތަކަށް ފަރުވާ ދިނުމަށް ގައިޑްލައިންތަކެއް ހެދުމަށްޓަކާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ)ގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ގެ މާލީ އެހީއެއް ފޯރުކޮށްދިފި އެވެ.

އައިޑީބީން ދިން އެހީގެ ދަށުން ފަރުވާ ދިނުމުގެ ގައިޑްލައިން ކަނޑައެޅުމަށްޓަކާ ވަނީ ޕްރޮޖެކްޓެއް އިއުލާންކޮށްފަ އެވެ. އެ ޕްރޮޖެޓުގެ ދަށުން ތަފާތު ބަލިތަކަށް ފަރުވާ ދޭނެ 76 އޮނިގަނޑު ނުވަތަ ގައިޑްލައިންތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފަ އެވެ. އެ މަސައްކަތް ކުރުމަށްޓަކާ ހެލްތު މިނިސްޓްރީން ވަނީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފަ އެވެ.

މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބަސްވުމުގައި ހެލްތު މިސްޓްރީގެ ފަަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މެޑިކަލް އެސޮސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޮސިއޭޝަންގެ ރައީސް ޑރ. އަބްދުﷲ ނިޔާފެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނިޔާފް ވިދާޅުވީ ބަލި މީހުންނަށް މިހާރު ވެސް ފަރުވާދެމުން ދަނީ ގައިޑް ލައިނެއްގެ ދަށުން ކަމަށާއި ނަމަވެސް މިހާރު އުފެއްދުމަށް ހަމަޖެހިފައިވާ 76 ގައިޑްލައިނަކީ ރާއްޖެއަށް ހާއްސަކޮށް ހަދާ ގައިޑްލައިން ތަކެއް ކަމަށެވެ. ރާއްޖެއަށް ހާއްސަ ގައިޑްލައިންތަކެއް ހެދުމުން ރާއްޖޭގައި ކޮންމެ ހިސާބަކުން ވެސް އާންމު ބަލިތަކަށް ފަރުވާ ދޭން ފަސޭހަތަކެއް ލިބިގެން ދާނެކަމަށް ޑރ. ނިޔާފު ވިދާޅުވި އެވެ.

"މި ގައިޑްލައިންތަކުގެ ސަބަބުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އެކި ބަލި ބައްޔަށް ބޭސްފަރުވާ ކޮއްދޭއިރު ހިފަހައްޓަން ޖެހޭ ސްޓޭންޑާޑްތައް ލިޔެވިގެން ދާނެ. އަދި މިކަމުގެ ސަބަބުން ހިދުމަތް ދޭން ތިއްބަވާ ޑޮކްޓަރުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އެފަދަ ގައިޑްލައިންތަކުގެ ސަބަބުން ބަލި މީހާ އަށް އިތުރު ފަރުވާ ދިނުމަށް އެއް މަރުހަލަގެ ސިއްހީ ހިދުމަތް ދޭ ތަނަކުން އަނެއް މަރުހަލާގެ ސިއްހީ ހިދުމަތް ދޭ ތަނަކާ ހަވާލާދީ ފަރުވާ ދެވޭނެ ގޮތުގެ އުސޫލު އެ ގައިޑްލައިންގެ ޒަރިއްޔާއިން ލިބިގެން ދާނެ ކަަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ގައިޑްލައިން ހެދުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އެތެރެހަށީގެ ބަލިތަށާއި، ކުޑަކުދިންގެ ބަލިތަށް އަދި ސާޖަރީގެ ދާއިރާފަދަ ދާއިރާތަށް ހިމެނެއެވެ.

comment ކޮމެންޓް