"ދޯނި ފެތުނީ ގަލެއްގައި ޖެހިގެން، މަރުވީ އެލިއާގެ މުވައްޒަފުން"

އަޑިޔަށް ދިޔަ ޕްރިންސަސް ދޯނި--

މާލެ އިން ފުރައިގެން ރ. އަތޮޅު އާރަށަށް ދަތުރުކުރަމުން ދިޔަ "ޕްރިންސެސް" ދޯނި އަޑިއަށް ދިޔައީ ގަލެއްގައި ޖެހިގެންކަމަށާއި އޭގައި ތިބި ބިދޭސީންނަކީ ފަޅުވެރިން ނޫންކަމަށް އެދޯނީގެ ކެޕްޓަން ބުނެފިއެވެ.

އެދޯނީގެ ކެޕްޓަން އަލީ މޫސާ މިއަދު ސަން އަށް ބުނީ، އެ ދޯނި ރޭ ފުރައިގެން އާރަށަށް ދަނިކޮށް ވިއްސާރަވެ ކަނޑުގަދަވުމުން ކ. ހިންމިޔަ ފަޅަށް ވަނީ، މުދާތަކަށް ރާޅުޖަހާތީ ކަމަށެވެ.

"ނަގިލި ލައިގެން ތިބީ، ތިއްބާ ނަގިލި ނެއްޓުނީ، ދޯނި އަޑިޔަށް ދިޔައީ ނުކުންނަން އުޅެނިކޮށް ގަލެއްގައި ޖެހިގެން،" ކެޕްޓަން ބުންޏެވެ.

އޭނާ ބުނީ ދޯނި ފެތުމުގެ ސަބަބުން މަރުވީ އިންޑިއާއަށް ނިސްބަތްވާ ދެމީހެއް ކަމަށާއި އެމީހުންނަށް ފަތަން އެނގޭކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގޭ ކަމަށެވެ.

"އެއީ ފަޅުވެރިންނެއް ނޫން، އެމީހުން އެރުވީ ކޮންޓްރެކްޓަރ (އެލިއާ)،" މުދާ އުފުލާ ދޯނީގެ ކެޕްޓަން ބުންޏެވެ.

ސަން އަށް އެނގިފައިވާގޮތުގައި މަރުވީ އިންޑިއާއަށް ނިސްބަތްވާ، އެލިއާ ކުންފުނީގެ ދެ މުވައްޒަފުންނެވެ. އެމީހުންނަކީ އާރަށަށް މަސައްކަތްކުރަން ދިޔަ މީހުންނެވެ.

އެދޯނި ރޭ ފަތިހު އަޑިއަށް ގޮސްފައި ވަނީ 2000 ބަސްތާ ސިމެންތި ބަރުކޮށްގެން ދަތުރުުކުރަމުން ދަނިކޮށެވެ. ދޯނި އަޑިއަށްދިޔައިރު ދޯނީގައި 11 މީހުން ތިބިއިރު އެއީ އެލިއާގެ ހަތް މުވައްޒަފުންނާއި ހަތަރު ފަޅުވެރިންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ހޮސްޕިޓަލަށް ގެނައީ އަށް މީހުން ކަމަށާއި އޭގެ ތެރެއިން ދެ ބިދޭސީން ވަނީ ނިޔާވެފައި ކަމަށެވެ.

ދެން ފަރުވާދެމުން އަންނަނީ ހަތަރު ބިދޭސީންނާއި ދެ ދިވެހިންނަށް ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

އަޑިޔަށް ދިޔަ ދޯނި އޮތީ އަދިވެސް ހިންމިޔަ ފަޅުގައެވެ. މަރުވި ބިދޭސީން މޯޗަރީއަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް