ކައިވެންޏަށް 69 އަހަރު، އެއް ގަޑި އިރު ތެރޭ ދެމީހުން މަރުވީ އަތުގުޅާލައިގެން ތިއްބައި

އައިޒާކް އާއި ޓެރީސާ މަރުވީ ގާތްގަނޑަކަށް އެކުއެކީގައި -- ފޮޓޯ: އާއިލާ

ކައިވެންޏަށް 69 އަހަރުވެފައިވާ އައިޒަކް އާއި ޓެރީސާ ވަޓްކިން އަތުގުޅާލައިގެން ތިއްބައި، އެއް ގަޑި އިރު ތެރޭ ދެ މީހުން ދުނިޔެއިން ވަކިވެގެން ދިޔުމުން އެއީ ލޯބީގެ ލާމަސީލު ނަމޫނާއެއް ކަމަށް އާއިލާއިން ސިފަކޮށްފި އެވެ.

އެމެރިކާގެ ޑެއިލީ ހެރަލްޑުގައިވާ ގޮތުން އިލިނޯއި ސްޓޭޓަށް ނިސްބަތްވާ، އުމުރުން 91 އަހަރުގެ އައިޒަކް އޮތީ އޭނާގެ އަންހެނުން ޓެރީސާ މަރުވި އިރު އޭނާގެ އަތުގައި ހިފައިގެންނެވެ. އަދި ޓެރީސާ މަރުވިތާ 40 މިނިޓު ފަހުން އައިޒަކް ވަނީ މަރުވެފަ އެވެ.

އައިޒަކް އާއި ޓެރީސާގެ އާއިލާގެ މެމްބަރުން ވަނީ އެމީހުން ދުނިޔެ އިން ވަކިވެގެން ދިޔުމުން ހިތާމަ ކުރި ނަމަވެސް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދެމީހުން ތިބީ އެކުގައި ކަމުން އުފާވާ ކަމަށް ބުނެފަ އެވެ.

އައިޒާކް އާއި ޓެރީސާގެ ކައިވެނި ފޮޓޯ -- ފޮޓޯ: އާއިލާ

އައިޒަކް އާއި ޓެރީސާ ތިބި ހައިލޭންޑް ޕާކް ހޮސްޕިޓަލުން ބުނި ގޮތުގައި އަލްޒައިމާސް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ޓެރީސާ އާއި އައިޒަކްގެ އެނދު ކައިރި ކުރަން ހޮސްޕިޓަލުން ނިންމީ މިދިޔަ ހޮނިހިރު ދުވަހު ދެ މީހުންގެ ވެސް ނޭވާލާ މިންވަރު މަދުވުމުންނެވެ. އަދި ދެ މީހުންގެ އަތް ގުޅުވައިދިނީ އާއިލާގެ މެމްބަރުންނެވެ.

އައިޒާކް އާއި ޓެރީސާ އެންމެ ފުރަތަމަ ދީމާވީ އެމީހުންގެ އުފަން ގައުމު ކަމަށްވާ އާޖެންޓީނާގަ އެވެ. އަދި އޭރު ދެ މީހުން ދިރިއުޅެމުން ދިޔައީ ވަރަށް ދުރުގައި ކަމުން، ދެމީހުންގެ ގުޅުން ދެމެހެއްޓީ ސިޓީގެ ޒަރިއްޔާއިންނެވެ.

އޭގެ ފަހުން ކައިވެނިކޮށްގެން އެމެރިކާއަށް ދިޔުމަށް ފަހު، ތިން ކުދިންނާ އެކު އެގައުމުގައި އާ ދިރިއުޅުމެއް ބިނާ ކުރީ އެވެ. (ޑެއިލީހެރަލްޑް)

comment ކޮމެންޓް