އައިއެސް ފުނޑުފުނޑު ކޮށްލުމުގައި ތާލިބާނުން އަދާކުރާ ދައުރަށް ރަޝިޔާ މަރްހަބާ ކިޔައިފި

ތާލިބާން ޖަމާއަތުން

މޮސްކޯ (އެޕްރީލް 27): އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތް ފުނޑުފުނޑު ކޮށްލުމުގައި އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުން އަދާކުރާ ދައުރަށް ރަޝިޔާއިން ވަރަށް ބޮޑަށް މަރްހަބާ ކިޔައިފިއެވެ.

އައިއެސް އާ ދެކޮޅަށް ތާލިބާން ޖަމާއަތުން ކުރާ ހަނގުރާމައަށް ތައްރީފް ކުރައްވަމުން ރަޝިޔާގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ އީގޯރު ކޮރްޕޯވް ވިދާޅުވީ އައިއެސް ޖަމާއަތަށް އަފްޣާނިސްތާނުގައި ފައިހަރުކޮށް ނުލެވެނީ ތާލިބާން ޖަމާއަތުން އައިއެސް އާ ދެކޮޅަށް ކުރާ ޖިހާދުގެ ސަބަބުން ކަމުގައެވެ. ޖިހާދުގެ ނަމުގައި ތާލިބާނުން އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާތީ އެކަމުގައި ބައިވެރިވާނެ އަފްޣާން ޒުވާނުންވެސް ތާލިބާނުންނަށް ލިބެމުންދާކަމަށް ކޮރްޕޯވް ވިދާޅުވިއެވެ.

ތާލިބާން ޖަމާއަތާއި އައިއެސް ޖަމާއަތާ ދެޖަމާއަތަކީވެސް ހައްދު ފަހަނަޅާފައިވާ ތަކްފީރީ ވިސްނުމުގެ ދެ ޖަމާއަތެވެ. އިސްލާމް ދީނުގެ ނަމުގައި މީހުންނަށް ހަގީގަތް އޮޅުވާލައި ޒުވާނުން ޖިހާދުގެ ދަލުގައި ޖައްސައިގެން އުޅޭ މިޖަމާއަތަކީވެސް އަމިއްލަ ސިޔާސީ އެދުމާއި ބަދަލުހިފުމުގެ ރޫހުގައި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފަށް އުޅޭ، އިސްލާމް ދީނާ ގުޅުންނެތް ދެޖަމާއަތްކަމަށް އިސްލާމީ އިސް ދަންނަބޭކަލުން ފަތުވާދެއްވައެވެ.

ހަރުކަށި ކަމާއި ދީނުގެ ނަމުގައި މީހުން މަގުފުރެއްދުމާއި ތަކްފީރީ ވިސްނުމުގައި މިދެ ޖަމާއަތުގެ ފިކުރު އެއްގޮތް ނަމަވެސް ސިޔާސީ ވާދަވެރިކަމާއި ވެރިކަމުގެ ކޯޅުމުގައި މިއީ ވަރަށް ދުޝްމަން ދެ ޖަމާއަތެވެ. އެއްޖަމާއަތުން އަނެއް ޖަމާއަތުގެ މީހުންގެ ލޭ ހުއްދަކޮށް އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ކަނޑި އުފުލައި ހަނގުރާމަކުރާ ދެ ޖަމާއަތެވެ.

ރަޝިޔާއިން ތާލިބާނުންނަށް ތައުރީފް މިކުރީ އަފްޣާނިސްތާނުގައި އެމެރިކާ އިނދަޖައްސާލުމަށްޓަކައި ރަޝިޔާއިން ތާލިބާނުންނަށް ހަތިޔާރު ފޯރުކޮށްދޭކަމުގެ ތުހުމަތު އެމެރިކާއިން ރަޝިޔާގެ މައްޗަށް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިޔާއިން ތާލިބާނުންނަށް ތައުރީފް ކުރިނަމަވެސް ރަޝިޔާވަނީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކޮށް އެ ޖަމާއަތަށް ހަތިޔާރު ފޯރުކޮށް ނުދޭކަމަށް ބުނެފައެވެ.

ތާލިބާނުންނަށް އެހީތެރިވާކަމުގެ ތުހުމަތު ރަޝިޔާގެ މައްޗަށް ކުރެވޭއިރު އައިއެސް ޖަމާއަތަށް ސިއްރިޔާތުގައި ނުވަތަ ނުސީދާ ގޮތެއްގައި އެހީތެރިވާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވެސް ވަނީ ކުރެވިފައެވެ. އެމެރިކާވެސް މިކަން ދޮގުކުރެއެވެ.

ތާލިބާނުންނަކީ ހަމައެކަނި އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަ ކުރުމަށް ހަނގުރާމަކުރާ ޖަމާއަތެކެވެ. މިހަނގުރާމައިގާ ބިން ގޮއްވައިގެން ކުށެއްނެތް އާންމުން މެރުމަކީ މައްސަލައެއް ކަމަކަށް ތާލިބާނުން ނުދެކެއެވެ. ތާލިބާނުންނާ ޚިލާފަށް އައިއެސް ޖަމާއަތަކީ މުޅި އިސްލާމީ ދުނިޔެއަށް އަތްގަދަ ކޮށް އިސްލާމީ ޚިލާފަތުގެ ނަމުގައި ހުރިހާ އިސްލާމީ ގައުމުތަކެއްގެ ވެރިކަމަށް އަތްގަދަކޮށް މުޅި އިސްލާމީ އުންމަތް އަޅުވެތިކުރަން އުޅޭ ތަކްފީރީ ވިސްނުމުގެ ނުރައްކާތެރި ޖަމާއަތެކެވެ.

މިދެ ޖަމާއަތުގެ ނުރައްކާތެރިކަންވެސް އެންމެ ބޮޑީ މުސްލިމުންނަށާއި އިސްލާމީ ދުނިޔެއަށެވެ. އަދި މިދެ ޖަމާއަތުންވެސް ބޮން ގޮއްވައިގެން އެންމެ ގިނައިން މަރަމުން ގެންދަނީ ކުށެއްނެތް މުސްލިމުންނެވެ.

ރަޝިޔާއިން ސޫރިޔާއަށް ބޮންއަޅައި މުސްލިމުން މަރާގޮތަށް އަދި އެމެރިކާއިން އިސްލާމީ އެތަށް ގައުމަކަށް ބޮންއަޅައިގެން މުސްލިމުން މަރާގޮތަށް އައިއެސް ޖަމާއަތާއި ތަލިބާނުން، މުސްލިމުން މަރަނީ ބޮން ގޮއްވައިގެންނާއި މީހުންގެ ކަރުބުރިކޮށް ކަތިލައިގެންނާއި މީހުން ދިރިތިއްބައި އަލިފާނަށް ލައި އަންދައިގެންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް