ނޫސްވެރިންނަށް ބިރެއް ނެތި ރާއްޖޭގައި މަސައްކަތް ކުރެވެން ޖެހޭނެ: ޔުނެސްކޯ

މިނިވަން ނޫސްވެރިން ކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނުތައް ނުހެދުމަށް ގޮވާލައި ނޫސްވެރިންތަކެއް މިދިޔަ އަހަރު ކުރި މުޒާހަރާއެއްގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ބިރެއްނެތި މަސަތްކަތް ކުރެވެން ޖެހޭނެ ކަމަށް ދުނިޔޭގެ ތައުލީމާއި ސަގާފަތާއި ސައިންސާ ބެހޭ އދ. ގެ އިދާރާ ޔުނެސްކޯ އިން ބުނެފި އެވެ.

ސޯޝަލް މީޑީއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި އަމަލު ކުށްވެރިކޮށް ޔުނެސްކޯގެ ވެބްސައިޓްގައި ވަނީ ލިޔުމެއް އާންމުކޮށްފަ އެވެ.

ޔުނެސްކޯގެ ޑިރެކްޓާ ޖެނަރަލް އައިރީނާ ބޮކޯވާއާ ހަވާލާދީ އެ އިދާރާއިން ބުނެފައި ވަނީ ޔާމީން މަރާލި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

"ނޫސްވެރިންނަށް ޖެހޭ ބިރެއް ނެތި މަސަތްކަތް ކުރެވެން އަދި މައުލޫމާތު ފޯރުކޮށްދިނުމާއި ޑިމޮކްރެޓިވް ބަހުސްތަކުގައި ބައިވެރިވެވެން. އަހަރެން ގޮވާލަން ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ގާނޫނު ނަގަހައްޓައި އެ މަރުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް،" ބޮކޯވާ ވިދާޅުވި އެވެ.

ސިޔާސީ އަދި އިޖްތިމާއީ މައްސަލަތަކުގެ މައްޗަށް ޔާމީންގެ ބްލޮގް ދަ ޑެއިލީ ޕެނިކްގައި ލިޔުންތައް ޝާއިއުކުރަމުންދާ ކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ޔާމީނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުން ދިޔަކަން ވެސް ފާހަގަކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މެންދަމު ޔާމީން ރަޝީދު މަރުވީ އެރޭ އޭނާ ގެއަށް ވަތްގަޑީ ބަޔަކު އޭނާއަށް ތޫނު އެއްޗަކުން ދިން ބޮޑެތި ޒަހަމްތަކަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

އަދިވެސް އެ މައްސަލާގައި މީހަކު ހައްޔަރު ކުރެވިފައިވާ ކަން ކަށަވަރުވެފައި ނުވާއިރު އެކަން ކުރި ކަމަށް ބެލެވޭ މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުުން ވަނީ ބުނެފަ އެވެ. އަދި އެ މީހުން ފެންނަ ސީސީޓީވީ ފްޓޭޖްތަކެއް އާންމުކޮށް އެ މީހުންގެ މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

comment ކޮމެންޓް