ރިޔާޒާ ދެކޮޅަށް ތަހުގީގުގައި ދިން ބަޔާނަކަށް ފުލުހަކު ދެކޮޅު ހަދައިފި

އަބްދުﷲ ރިޔާޒު: އޭނާއާ ދެކޮޅަށް ތަހުގީގުގައި ފުލުހަކު ދިން ބަޔާނަށް ޝަރީއަތުގައި އެ ފުލުސް މީހާ ވަނީ ދެކޮޅު ހަދާފައި --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ މައްސަލާގައި ތަހުގީގަށް ދިން ބަޔާނުގައި ހުރި ބައެއް ކަންކަމަށް ފުލުހަކު އިންކާރުކޮށްފި އެވެ.

އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގައި ކުރިއަށް ގެންގޮސްފައި ވަނީ ދައުލަތުން ހުށަހެޅި ހަތަރު ފުލުހެއްގެ ހެކިބަސް ނެގުމެވެ. އެ ހަތަރު ފުލުހުންގެ ތެރޭގައި ރިޔާޒްގެ މައްސަލަ ތަހުގީގު ކުރާ ދެ ފުލުހެއް ވެސް ހިމެނެ އެވެ.

އެތަނުން އެއް ފުލުހެއްގެ ހެކިބަސް ނަގާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްގެންނެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސްދިން ތަހުގީގު ޓީމުގައި ހިމެނޭ ފުލުސް އޮފިސަރެއް ކަމަށްވާ އާރިފް އަލީ ތަހުގީގަށް ދީފައިވާ ބަޔާނުގައިވާ ދެ ކަމަކަށް ޝަރީއަތުގައި ވަނީ އިންކާރުކޮށްފަ އެވެ.

އެގޮތުން އޭނާ އިންކާރުކޮށްފައި ވަނީ، ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ކުރިމިނަލް ކޯޓުން ނެރެދީފައިވާ އަމުރުގައި، ސީދާ ފޯނުގެ ޕިން ކޯޑާއި ޕާސްވޯޑު ދިނުމަށް ބުނެފައި ނުވާތީ، އެފަދަ އަމުރެއް ނެރެދިނުމަށް އެދިފައިވާނެ ކަމަށް ބުނެ ތަހުގީގީ ބަޔާނަށް ދީފައިވާ ބަޔަށެވެ.

ޝަރީއަތުގައި ފުލުސް މީހާ ބުނީ، ދެވަނަ އަމުރެއް ނެރެދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައިވާކަން އެނގިފައި ނުވާ ކަމަށެވެ.

ދެ ވަނަ ކަމަކަށް އިންކާރުކޮށްފައި ވަނީ، ފޯނުގެ ޕިން ކޯޑު ނުދީފިނަމަ އިތުރު މައްސަލަތަކެއް ނުކުމެދާނެ ކަމަށް ރިޔާޒަށް ދެންނެވި ކަމަށް ބަޔާނުގައި ބުނެފައިވާ ބަޔަށެވެ.

ޝަރީއަތުގައި އެ ފުލުސް މީހާ ބުނެފައި ވަނީ، ތަހުގީގު ބަޔާނުގައި އެހެން ބުނެފައިވީ ނަމަވެސް އެއީ ތެދު އިބާރާތެއް ނޫން ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެމުން ކޯޓު އަމުރު ހިފައިގެން ރިޔާޒް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ދިޔަ ދެ އެސްއޯ ފުލުހުން ބުނެފައި ވަނީ، ފުލުހުންނަށް ފޯނު ދިނުމަށް ރިޔާޒު ދެކޮޅު ހަދާފައި ނުވާ ކަމަށެވެ.

ފުލުހުންނާ އެކު މާޗް 27 ވަނަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ރިޔާޒް ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމަށާއި، ފުލުސް އޮފީހަށް ދެވެންދެންވެސް ފޯނު އޮތީ އެތަނުން އެއް ފުލުހެއްގެ އަތުގައި ރިޔާޒަށް ފެންނާނޭހެން ކަމަށެވެ.

ޝަރީއަތުގައި ހެކިބަސް ދެމުން ތަހުގީގު ޓީމުގައި ހިމެނޭ ފުލުހެއް ކަމުގައިވާ އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ، ތަހުގީގު ކުރެވެމުންދާ މައްސަލައަކާ ގުޅިގެން ރިޔާޒުގެ ފޯނު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ފޯނުގައި ހުރި މައުލޫމާތު ނެގުމަށް ލޮކްކޯޑް ޖަހައިދިނުމަށް އެދުނު ކަމަށެވެ.

ނަމަވެސް ކޯޓު އަމުރުގައި ސީދާ ލޮކްކޯޑު ޖަހައިދިނުމަށް ބުނެފައި ނުވާތީ ކޯޑު ޖަހައިދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ރިޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށް ލޮކް ކޯޑު ޖަހައިދިނުމަށް އެދުމުން ތިން ކޯޑެއް ދިން ކަމަށާއި، އެ ކޯޑު ފޯނުގައި ޖަހާފައި ވަނީ ރިޔާޒް ކަމަށެވެ. ނަމަވެސް އެއްވެސް ކޯޑަކުން ފޯނު އަންލޮކް ނުކުރެވުނު ކަމަށް ފުލުސް މީހާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުންް ހުށަހެޅި ހެކިންގެ ހެކިބަސް މިއަދު ވަނީ ނަގާ ނިންމާފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ޝަރީއަތުން ވަނީ މާދަމާ 3:00 ގައި ބާކީ ހުރި ހެކިންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް އިއުލާނު ކޮށްފަ އެވެ.

ރިޔާޒްގެ މައްސަލަ މީގެ ކުރިން ބެއްލެވީ، ގާޒީ އަހްމަދު ޝަކީލެވެ. ނަމަވެސް މިއަދު އެ މައްސަލަ ބައްލަވަން ފަށްޓަވާފައިވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ގާޒީ ޝަކީލުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ، އާދަމް އާރިފް އާއި އަލީ އާދަމެވެ.

comment ކޮމެންޓް