އާ ފްރެންޗައިސްތައް މިއަހަރު ތެރޭ އެއާޕޯޓުގައި ހުޅުވާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްރެންޗައިޒްތައް ހިންގުމަށް ޖެޓީ ސަރަހައްދު ތަރައްގީ ކުރާގޮތް --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލަށް ގެންނަ އާ ފްރެންޗައިޒް އައުޓްލެޓްތައް މިއަހަރުގެ ތެރޭގައި ގެނެސް، އެތަންތަން ހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ވެލާނާ އެއާޕޯޓަށް އަލަށް ގެންނަ ފްރެންޗައިޒްތައް ހުޅުވާނީ، އެ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން އޮންނަ ޖެޓީގައި ހަދާ އިމާރާތެއްގެ މަތީގައެވެ.

ހަ ކޮންސެޕްޓެއްގެ ހަ ފްރެންޗައިޒް ރެސްޓޯރަންޓް އެތަނުގައި ހުޅުވާނެއެވެ.

ވެލާނާ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓަށް ފްރެންޗައިޒް ބްރޭންޑުތައް ގެނައުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާ ކަމަށެވެ.

އާދިލް ވިދާޅުވީ މިއަހަރުގެ ތެރޭގައި ފްރެންޗައިޒް ރެސްޓޯރަންޓްތައް ހުޅުވި، އެތަންތަނުގެ ޚިދުމަތް ދެވޭ ވަރު ވާނެ ކަމަށެވެ.

"ކުޑަ ދުވަސްކޮޅެއް ތެރޭގައި އެކަން ނިމި، މިއަހަރުގެ ތެރޭގައި ފްރެންޗައިޒް ރެސްޓޯރަންޓުތައް ހުޅުވި ޚިދުމަތް ދެވޭނެކަމުގެ އުފާވެރި ޚަބަރު ދެން،" އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ އިތުރުން ކުރިޔަށް ގެންދާ އިތުރު ޕްރޮޖެކްޓްތަކަކީ އެއާޕޯޓުގެ ޚިދުމަތްތައް ތަރައްގީކޮށް، ރަނގަޅުކުރުމަށް ކުރިޔަށް ގެންދާ ކަންކަން ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި މިހާރުވެސް ގިނަ ފްރެންޗައިޒް އައުޓްލެޓްތަކެއް ހިންގައެވެ. އޭގެ ތެރޭގައި ބާގަރ ކިންގް، ތައި އެކްސްޕްރެސް، ޑެއިރީ ކުއީން، ދަ ކޮފީ ކްލަބް އަދި ދާދި ފަހުން އެތަނުގައި ހުޅުވި ދަ ޕިއްޒާ ކޮމްޕެނީ ހިމެނެއެވެ.

comment ކޮމެންޓް