ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގުމަށް ބިން ހިއްކަން ފަށައިފި

ވެލާނާ އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް އެޅުމަށް ބިން ހިއްކުމުގެ މަަސައްކަތް މިނިސްޓަރު މުހައްމަދު ސައީދު ފައްޓަވައި ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް އެޅުމަށްޓަކައި 32،000 އަކަމީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަަސްމީކޮށް ފަށައިފި އެވެ.

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޕަރޭޓުކުރާ ސީޕްލޭން ނެޓްވޯކު އޮންނަނީ ރާއްޖޭގަ އެވެ. އެ އޮޕަރޭޝަން ހިންގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

ވެލާނާ އެއާޕޯޓުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި، ސީޕްލޭން ޓާމިނަލް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ވެލާނާ އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ބަދަލުކުރާ ސަރަހައްދު ހިއްކަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އެއާޕޯޓުގައި އާ ސީޕްލޭން ޓާމިނަލެއް އަޅަނީ، އެ އެއާޕޯޓުގެ ދެ ވަނަ ރަންވޭ އަޅާ ސަރަހައްދާއި، މިހާރުގެ ސީޕްލޭން ޓާމިނަލް އޮތް ސަރަހައްދާ މާ ގާތްވުމުންނެވެ. ދެ ވަނަ ރަންވޭ ބޭނުންކުރަން ފެށުމުގެ ކުރިން ސީޕްލޭން އޮޕަރޭޝަންތައް މިހާރު އޮތް ސަރަހައްދުން އެހެން ދިމާލަކަށް ބަދަލުކުރަން ޖެހެއެވެ.

މިއަދު ބިން ހިއްކަން ފަށާފައި ވަނީ ހުޅުލޭގެ އިރުމަތީ ފަރާތުން، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާ ދިމާލުންނެވެ. މި މަސައްކަތް ކުރަނީ، އެއާޕޯޓުގެ ދެ ވަނަ ރަންވޭ އެޅުމުގެ މަސައްކަތް ވެސް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އިންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ސީޕްލޭން ޓާމިނަލް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ތިން ހަފްތާގެ ތެރޭގައި ނިމޭނެ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، އެއާ އެކު އެތަނުގައި އަޅާ ޓާމިނަލް އިމާރާތުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ވެލާނާ އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ބަދަލުކުރާ ސަރަހައްދު ހިއްކަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މާ ލަސްނުވެ، ބިލްޑިންގުގެ މަސައްކަތް ފެށޭނެ. މި ބިލްޑިންގަކީ ވަރަށް ތަނަވަސް، އެތައް ޚިދުމަތެއް ހިމެނޭ، ސީދާ އެމްއޭސީއެލުން މެނޭޖު ކުރާނެ ޓާމިނަލެއް،" ސައީދު ވިދާޅުވި އެވެ.

ހަމަ އެއާ އެކު، ވެލާނާ އެއާޕޯޓު އިތުރަށް ތަރައްގީވެ، އެމްއޭސީއެލްގައި އިތުރު ވަޒީފާތައް ވެސް އުފެދިގެން ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ބަދަލުކުރުމަށް ހިއްކާ ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީޕްލޭން އޮޕަރޭޝަންތައް ބަދަލުކުރުމަށް ހިއްކާ 32،000 އަކަމީޓަރުގެ ބިމުގެ ތެރެއިން، ޓާމިނަލް އަޅާނީ 18،000 އަކަމީޓަރުގެ ބިމެއްގަ އެވެ. ބާކީ 14،000 އަކަމީޓަރުގައި ހުންނާނީ ސީޕްލޭންގެ ހޭންގާ އޭރިއާއެވެ.

ސީޕްލޭން ޓާމިނަލުގެ ބިން ހިއްކައި ނިންމައި، ޓާމިނަލް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް