ރާއްޖޭގެ އެންމެ ބޮޑު އޮންލައިން ވީޑިއޯ ޕްލެޓްފޯމް އުރީދޫއާ ގުޅިގެން ސަން އިން ތައާރަފްކޮށްފި

ސަން ޕްލޭ ތައާރަފް ކުރުމަށް ބަރިސްޓާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖޭގެ މުއާސަލާތީ ހިދުމަތަށް އިންގިލާބެއް ގެނައި، އުރީދޫއާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ވީޑިއޯ ޕްލެޓްފޯމް "ސަން ޕްލޭ"ގެ ނަމުގައި ސަން މީޑިއާ ގްރޫޕުން ތައާރަފްކޮށްފި އެވެ.

ބަރިސްތާ މޯލްޑިވްސްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޑަކްޓު ލޯންޗުކޮށްދެއްވީ އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒާއި ސަން މީޑިއާ ގްރޫޕުގެ ސީއޯއޯ މިންހާ ފާއިޒެވެ.

"ސަން ޕްލޭ"އަކީ ތަފާތު އެކި ވީޑިއޯތައް ބަލާލެވޭ ގޮތަށް ފަރުވާމުކޮށްފައިވާ އިންޓަނެޓް ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް، އަމިއްލަ ވީޑީއޯ ޗެނަލްތައް ހަދައި، ވީޑީއޯތައް އާންމު ކުރެވޭނެ އެވެ.

ސަން ޕްލޭ ތައާރަފް ކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިންހާ ވީދާޅުވީ "ސަން ޕްލޭ"އަކީ ލޯކަލް ޔޫޓިއުބެއް ކަމަށެވެ. އޭނާ ވިދާޅުވީ "ސަން ޕްލޭ" ތައާރަފް ކުރީ 2000 ވުރެ ގިނަ ވީޑިއޯ ހިމަނައިގެން ކަމަށެވެ.

މިންހާ ވިދާޅުވި ގޮތުގައި ސަން ޕްލޭއަކީ ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެއްވެސް އަގަކާ ނުލައި އަމިއްލަ ޗެނަލެއް ހުޅުވާލުމުގެ ފުރުސަތު އޮތް ޕްލެޓްފޯމެކެވެ. އެގޮތުން ކުންފުނިތަކަށްވެސް އެފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ލޯކަލް ޔޫޓިއުބެކޭ ވެސް ބުނެވިދާނެ. މި ޕްލެޓްފޯމްގެ ޒަރިއްޔާއިން އަޅުގަނޑުމެން ސަން މީޑިއާ ގްރޫޕުން ބޭނުން ވަނީ ދިވެހިންގެ ދިރިއުޅުން ހުރިހާ ގޮތަކުންވެސް ފެނިގެން ދިއުން. ދިވެހިރާއްޖެ ކޮންމެ ގޮތަކަށް ބަލާލަން ބޭނުންވާ މީހާއަށް ވެސް މިޕްލެޓްފޯމު މެދުވެރިކޮށް އެބޭފުޅެއްގެ ނީޑް ފުރިހަމަ ވެގެންދިއުމަކީ އަޅުގަނޑުމެންގެ އުއްމީދު،" މިންހާ ވިދާޅުވިއެވެ.

ސަން ޕްލޭ ތައާރަފް ކުރި ރަސްމިއްޔާތުގެ ތެރެއިން: ބޭނުން މީހަކަށް އަމިއްލަ ޗެނަލެއް ހަދައި ވީޑިއޯ އާންމު ކުރެވޭނެ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މީގެ އިތުރުން މިންހާ ވިދާޅުވީ އެ ޕްލެޓްފޯމު އިތުރަށް އެޓްރެކްޓިވް ކުރުމުގެ ގޮތުން އުރީދޫއާ ގުޅިގެން އެކި އެކި މުބާރާތްތަކާއި ޕްރޮމޯޝަންސްތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށެވެ.

މިންހާ ވިދާޅުވި ގޮތުގައި އެޕްލެޓްފޯމުގެ ދެވަނަ މަގްސަދަކީ ރިސާޗް ކުރައްވާ ފަރާތްތަކަށް ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް ރާއްޖޭގެ ތާރީޚާ ގުޅޭ ކަންކަން ކަންކަން އަންގައި ދޭ ވީޑިއޯތައް ލިބޭނެ ގޮތް ފަހި ކޮށްދިނުމެވެ.

"މިހާރު އެންމެން ވީޑިއޯތައް މި ހޯދަނީ ނުވަތަ ރިސާޗް ކުރަނީ ޔޫޓިއުބް އިން ސާޗް ކޮށްގެން. އަޅުގަނޑުމެންގެ ބޭނުމަކީ އެފަދަ ރިސާޗްތަކަށް އަޅުގަނޑުމެންގެ ޕްލެޓްފޯމު ބޭނުން ކޮށްގެން މައުލޫމާތު ހޯދައި ދިނުން،" މިންހާ ވިދާޅުވިއެވެ.

ސަން ޕްލޭއާ ގުޅޭ ގޮތުން އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު މީޑިއާ ގްރޫޕާ ގުޅިގެން މިފަދަ ޕްރޮޑަކްޓެއް ތައާރަފްކުރެވުމަކީ އުރީދޫއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ސަން މީޑިއާ ގްރޫޕަކީ މިފަދަ ޒަމާނީ ޓެކްނޯލޮޖީތައް ބޭނުން ކޮށްގެން، އާ ޕްރޮޑަކްޓްތައް އުފެއްދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކުންފުންޏެއް. އެގޮތުން އެސްއެމްއެސް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ނިއުސް އެލާޓް ފޮނުވާނޭ ގޮތް ވެސް ތައާރަފްކުރީ ސަންއިން ކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް