ނަފްސާނީ: ފަރުވާ އަތް ނުފޯރާފަށުގައި، އެކަށޭނަ ބޭހެއް ނެތް!

ނަފްސާނީ މައްސަލައެއް ކަމަށްވާ ޑިޕްރެޝަން--

"ކައުސިލިންގް އާއި ތެރަޕީތައް އުޅެނީ އަތް ނުފޯރާ ފަށުގައި. އޭގެން ފަރުވާއެއް ހޯދަން ޖެހުމުން ޑިޕްރެޝަން ހުންނަމީހެއްގެ ހާލު މާ ބޮޑުވާނެ އަގު ބޮޑުކަމުން" ކަންބޮޑުވުން ހިއްސާ ކުރަމުން ބަލި މީހަކު ބުންޏެވެ.

އެއީ އެތައް ބައެއްގެ ޝަކުވާ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި 322 މިލިއަނަށް ވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ ޝިކާރައަށް ވެފައިވެ އެވެ. ރާއްޖޭގެ ބަރުބޮޑު ދިރިއުޅުމުގެ ތެރެއިން އެބަލީގެ ނުރައްކާ ވަރަށް ވެސް ބޮޑެވެ. ނަމަވެސް ރާއްޖޭގައި އެ މައްސަލަ އޮތްވަރަށް ބަލާއިރު އެކަމަށް ފަރުވާ ކުރެވޭލެއް މާމަދީ އެވެ. އޭގެ އެއް ސަބަބަކީ އަގުތައް މާބޮޑުވުމެވެ.

ނަފްސާނީ ކްލިނިކްތަކަށް އާސަންދަ ނުލިބޭ

މާލެއަށް ބަލާ އިރު ނަފްސާނީ ބަލީގެ ތަޖުރިބާކާރުންނާ އެކު ތެރަޕީތަކާއި ކައުންސިލިން ދެމުންދާ ތިން ކްލިނިކް އެބަހުއްޓެވެ. ނަމަވެސް އޭގެން އެއްވެސް ތަނަކުން އާސަންދަ ނުލިބެ އެވެ. އެއީ އާސަންދައިން އެހިދުމަތް ކަވަރު ނުކުރާތީ އެވެ.

ނަފްސާނީ މައްސަލައެއް ކުރިމަތިވެފައިވާ ފަރާތަކަށް ސައިކޮލޮޖިސްޓް ދިމުތު ފަރުވާދެނީ-- ސަން ފައިލް ފޮޓޯ

ނަފްސާނީ ބަލީގެ ތެރަޕީތަކުގެ އަގުތަކަށް ބަލާއިރު އާންމުކޮށް އުޅެނީ ސެޝަންއެއް 300 ރުފިޔާ އާއި 500 ރުފިޔާ އާއި ދޭތެރޭ އަގުތަކެއްގަ އެވެ. ބައެއް މީހުންނަށް ހަފްތާއަކު ދެ ފަހަރު ނުވަތަ އެއް ފަހަރު ޝެޝަންތައް ނަގަންޖެހޭ އިރު ކޮންމެ މަހަކު ބޮޑު ހޭދައެއް ކުރަންޖެ އެވެ.

އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ކޯޕަރޭޓިވް ޑިވެލޮޕްމެންޓް މެނޭޖަރު އަހުމަދު އިރާޝް ވިދާޅުވި ގޮތުގައި އެފަދަ ކްލިނިކްތައް މާލޭގައި ހިންގުމަށް ބޮޑު ހޭދައެއް ކުރާއިރު ހިދުމަތްދެނީ ވަރަށް ކުޑަ އަގެއްގައި ކަމަށެވެ. އެކަމަށް އޮތް ހައްލަކީ އާސަންދަ ލިބުން ކަމަށް އިރާޝް ފާހަގަކުރެއްވި އެވެ.

"ހައްލަކީ އާސަންދަ، ޑޮކްޓަރުން ކައުންސިލިން ނުވަތަ ތެރަޕީ ނެގުމަށް އެންގުމުން ނުވަތަ ނަފްސާނީ މައްސަލަ ހުންނަ ފަރާތްތަކުން ކައުންސިލިން ނުވަތަ ތެރަޕީތަކަށް އާސަންދަ ލިބޭ ގޮތަށް ހަމަޖެހުނީމަ ފަސޭހަވާނީ، މިހާރު ލިބެނީ އެންސްޕާއިން އެހީދީފިނަމަ އެހީ، އެކަން ކުރަން ވަރަށް އުނދަގޫގޮތްތަކެއް އޮންނަނީ،" އިރާޝް ވިދާޅުވި އެވެ.

ނަފްސާނީ އެކިއެކި މައްސަލަތަކަށް ކައުންސިލިން ދަމަނަވެއްޓާއި ޝީ ފަދަ ތަންތަނުން ހިލޭ ދިން ނަމަވެސް ޑޮކްޓަރުން ގިނަ ފަހަރަށް އަންގަނީ ވަކިވަކި މީހުންގެ ފަރާތުން ތެރަޕީތައް ނެގުމަށެވެ. އެމީހުން ތިބެނީ އަދި އެންމެ އެކަށޭނަ ފެންވަރުގައި އެހިދުމަތް ލިބެނީ އަމިއްލަ ކްލިނިކް ތަކުންނެވެ.

އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އެކަމަކީ ކަމާގުޅޭ ތަޖުރިބާކާރުންނާ އެކު ކުރިއަށްއޮތްތަނުގައި މަޝްވަރާ ކުރައްވާނެ ކަމެއް ކަމަށެވެ.

ބޭނުންވާ ބޭސް ނުލިބޭ!

ނަފްސާނީ މައްސަލަ ތަކަކީ ކައުންސިލިންއާއި ތެރަޕީތަކުން ހައްލުނުވާ ފަހަރުތަކުގައި ބޭސް ދީގެން ހައްލުކުރަން ޖެހޭ ކަންކަމެވެ. ރާއްޖޭގެ މޮޅެތި ނަފްސާނީ ޑޮކްޓަރުންގެ ފަރާތުން ހިދުމަތް ހޯދުމަކީ އަގުބޮޑު އަދި ދިގު ކިޔޫއެއްގައި ތިބެން ޖެހޭ ކަމެކެވެ. އެއާ އެކު ދެން ދިމާވާ މައްސަލައަކީ ބޭނުންވާ ބޭސް ނުލިބުމެވެ.

ދިވެހި ރާއްޖޭގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ ޑޮކްޓަރަކު ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވި ގޮތުގައި ރާއްޖޭގައި ނަފްސާނީ މައްސަލަތައް އިންތިހާއަށް އިތުރު އިރު، އެބައްޔަށް ބޭނުންވާ ބައެއް ބޭސް ރާއްޖެ އިން ނުލިބެ އެވެ.

މާޔޫސްވެފައި އަންހެނެއް-- ރާއްޖޭގެ ބޮޑެތި އިޖުތިމާއީ މައްސަލަތައް ގުޅިފައިވަނީ ނަފްސާނީ ބަލިތަކާ-- ފޮޓޯ: ޝަޔާހް ޝަފީގް

"އެތައް ފަހަރަކު ލިސްޓް ދީފިން މިވެނި އެވެނި ބޭހެއް ބޭނުމޭ، އެކަމަކު ނުލިބޭ، އަޅުގަނޑުމެންނަކީ މިދާއިރާ އިން ކިޔަވައިގެން ތިބި ޑޮކްޓަރުން، އަޅުގަނޑުމެންނަށް ދެއްތޯ އެނގޭނީ ބޭނުންވާނެ ބޭސް، ސިޔާސީ މީހުންނެއްނޫން ދެއްތޯ ނިންމާނީ، ރާއްޖެއިން ނުލިބޭ ބޭނުންވާ ބޭހެއް،" ޑޮކްޓަރު ކަންބޮޑުވުން ހިއްސާ ކުރަމުން ވިދާޅުވި އެވެ.

ނަފްސާނީ ބަލިތައް ރަނގަޅުކުރަން ބޭނުންވާ ބައެއް ބޭސް ރާއްޖެ އިން ނުލިބޭކަމަށް ޑޮކްޓަރުން ބުނާ އިރު ހެލްތު މިނިސްޓްރީން ހުއްދަ ދީފައިވާ ބޭހުގެ ސުޓޮކް ނުހުންނަ މައްސަލައަކީ ވެސް ބައެއް ޑޮކްޓަރުން ފާހަގަކުރެއްވި މައްސަލައެކެވެ.

"ބަލި މީހާ ބަލާފައި ބޭސް ދޭތާ އިރުކޮޅެއް ތެރޭ ރުޅުއައިސްގެން އަންނަނީ އަޅުގަނޑުމެންނާ ދިމާލަން ނެތް ބޭހޭ ތިޔަ ދެނީ އެހެން ބޭހެއް ދޭށޭ ކިޔަމުން،" ނަފްސާނީ ބަލިތަކަށް ފަރުވާދޭ ދިވެހި ޑޮކްޓަރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ނަފްސާނީ ބަލިތަކަށްދޭ ބައެއް ބޭސްތަކަކީ "ކޮންޓުރޯލް ޑްރަގްސް" ވީމާ އެބޭސްތައް ލިބޭނީ ވަކި އުސޫލަކުން ކަމަށެވެ. އަދި ޑޮކްޓަރުންގެ ލިޔުން ދީފި ނަމަ ބޭސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަފްސާނީ މައްސަލަ ތަކަށް ހައްލު ހޯދާ!

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ނަފްސާނީ މައްސަލަތަކަކީ، ގައުމެއްގެ ތަރައްގީއަށް ހުރަސްއަޅާ ކަމެއްކަމަށްވާ އިރު، ހެލްތު މިނިސްޓްރީއާއި ކަމާ ބެހޭ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތައް ގުޅިގެން މިހާރު ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް 'ސަން' އަށް އިންޓަވިއު ދެއްވަނީ -- ސަންފޮޓޯ// މުހައްމަދު އަފްރާހް

"(ދުޅަހެޔޮކަމުގެ) ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޓަކައި އެކްޝަން ޕްލޭނެއް އެކުލަވާލެވި މިހާރު އަޅުގަނޑުމެން މިތިބީ އަމަލީ ގޮތުން މި މަސައްކަތްތައް ފެށުމުގެ މަރުހަލާގައި. ނަފްސާނީ ދުޅަހެޔޮ ކަމަށް ފަރުވާ އާއި އެހީތެރިކަން ކަށަވަރު ކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު އަޅުގަނޑުމެން ވަނީ ފަށާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަކީ އެންމެ އާންމު އަދި މިއަދު މުޖުތަމައުއަށް އޭގެ އެންމެ ނޭދެވޭ އަސަރުކުރާ އެއް ބަލިކަމަށްވާ އިރު އެކަމަށް ދުރާލާ ފިޔަވަޅުތަކެއް އަޅަންޖެެ އެވެ. ހާއްސަކޮށް އެބަލީގެ ފަރުވާ އަތްފޯރާފަށަން ގެންނަންޖެހެ އެވެ.

comment ކޮމެންޓް