ރެމިޓަންސް ޓެކްސްއަށް މަކަރުހަދައިގެން ޑޮލަރު ބޭރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މީހަކު ޑޮލަރުތަކެއް ހިފައިގެން --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާ އިން ދައްކަން ޖެހޭ ރެމިޓެންސް ޓެކްސް ދެއްކުމުގައި މަކަރުހެދުމަށް ބަޔަކަށް އެހީތެރިވެދިނުމުގެ ގޮތުން، ގިނަ އަދަދެއްގެ ޑޮލަރުތަކެއް ރާއްޖެ އިން ބޭރަށް ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މި މީހާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން ބުނި ގޮތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެހީތެރިވެދިނުމަށް ޓަކައި ބޭރަށް ގެންދަން މަސައްކަތް ކޮށްފައި ވަނީ 69،650 ޑޮލަރެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން، ތެމިޓެންސް ޓެކްސްއަަށް މަކަރުހެދުމަށް މަސައްކަތް ކޮށްފި ނަމަ، އަދަބެއްގެ ގޮތުގައި، ބޭރަށް ގެންދިއުމަށް މަސައްކަތް ކުރި ފައިސާއާ އެއްވަރުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މީރާ އިން ބުނީ ހައްޔަރުކުރި މީހާގެ އަތުން ފެނުނު 69،650 ޑޮލަރު މިހާރު ވާނީ ޖޫރިމަނާއާއި ޓެކްސްގެ ގޮތުގައި ދައުލަތަށް ނަގާފައި ކަމަށެވެ.

ރެމިޓެންސް ޓެކްސްގެ ގޮތުގައި ރާއްޖޭގައި ނަގަނީ، ރާއްޖެ އިން ބޭރަށް ބިދޭސީ މަސައްކަތްތެރީން ފޮނުވާ އަދަދުގެ ތިން ޕަސަންޓެވެ.

comment ކޮމެންޓް