ދިރާގުން އައިޕީޓީވީ ތައާރަފުކޮށްފި، ފުރަތަމަ 100 ކަސްޓަމަރުންނަށް އަހަރު ދުވަހަށް ހިލޭ!

ދިރާގުގެ އައިޕީޓީވީ "ދިރާގު ޓީވީ"ގެ ޑެމޯއެއް ދައްކަނީ -- ސަން ފޮޓޯ/ މުހައްމަދު ސަމާހު

ދިރާގުން ރާއްޖެއަށް އިންޓަނެޓް ޕްރޮޓޮކޯލް ޓެލެވިޜަން (އައިޕީޓީވީ) ތައާރަފުކޮށްފި އެވެ. ދިރާގުގެ އައިޕީޓީވީ ޚިދުމަތް ދެނީ "ދިރާގު ޓީވީ"ގެ ނަމުގައެވެ.

އައިޕީޓީވީއަކީ ޓެރެސްޓްރިއަލް، ސެޓަލައިޓް ސިގްނަލް އަދި ކޭބަލް ޓީވީއާ ޚިލާފަށް، އިންޓަނެޓް ޕްރޮޓޮކޯލްގެ ސިގްނަލް ބޭނުންކޮށްގެން ޓެލެވިޜަން ކޮންޓެންޓް ފޯރުކޮށްދޭ ޚިދުމަތެކެވެ. ޑައުންލޯޑު ކޮށްފައިވާ މީޑިއާއާ ޚިލާފަށް އައިޕީޓީވީން ޓީވީ ޗެނަލްތައް ވަގުތުން ސްޓްރީމް ކުރެވެއެވެ.

މިރޭ ދިރާގުގެ ހެޑްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު އަހްމަދު މައުމޫން ވިދާޅުވީ އެ ޚިދުމަތް ބޭނުން ކުރުމަށް ބޭނުންވާނީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް އެކަނި ކަމަށާއި، ދިރާގު ޓީވީ ބޭނުން ކުރުމަށް އިތުރަށް ޑާޓާ ޗާޖު ނުކުރާނެ ކަމަށެވެ.

ދިރާގު އައިޕީޓީވީގެ ޖޯއިބޮކްސް އަދި ރިމޯޓު -- ސަން ފޮޓޯ/ މުހައްމަދު ސަމާހު

"ކަނެކްޝަން މެދުވެރިކޮށް ސާވިސް ލިބުނަސް މިއީ ހަމަ ކޭބަލް ޓީވީ ސާވިސްއޭ އެއްގޮތަށް ބިލް ކުރެވޭނެ ޚިދުމަތެއް،"

މައުމޫން ވިދާޅުވި ގޮތުގައި، އައިޕީޓީވީގެ އެއް ކަނެކްޝަން ގޭގައި ބަހައްޓައިގެން، އެކިއެކި ޑިވައިސްތައް ބޭނުންކޮށްގެން ތަފާތު ޗެނަލްތައް ބަލާލެވޭނެއެވެ.

"ޓީވީން ޗެނަލެއް ބަލަމުންދާ އިރު، އެހެން ޑިވައިސްތަކުން އިތުރު ޗެނަލްތައް ހަމަ އެވަގުތުން ބަލާލެވޭނެ. ލެޕްޓޮޕް، މޯބައިލް ޓެބްލެޓެއް ވިޔަސް. މިސާލަކަށް ފެމިލީއަކުން ކަނެކްޝަން ޝެއާ ކުރަމުންދާ އިރު އެއް ބޭފުޅަކު ޓީވީ ސްކްރީނުން ޓީވީ ބަލާއިރު އަނެއް ބޭފުޅާއަށް ފޯނުން އެހެން ޗެނަލެއް ބެލޭނެ،" މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން، ދިރާގު ޓީވީގެ ޚިދުމަތް ލިބޭނީ ހަމައެކަނި ގޭގައި ހުންނަ ވަގުތު ނޫން ކަމަށާއި، ދިރާގުގެ ނެޓްވޯކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އެ ޚިދުމަތް ލިބޭނެ ަކަމަށް މައުމޫން ވިދާޅުވިއެވެ.

"ސަބްސްކްރައިބު ކުރުމުން ލިބޭ ޔޫސާރ ނޭމާއި ޕާސްވޯޑު ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެގެން ބަލައިލެވޭނެ. ހަމައެކަނި ގެޔަށް ރިސްޓްރިކްޓް ވެފައެއް ނޫން މި ޚިދުމަތް އޮންނާނީ،" މައުމޫން ވިދާޅުވިއެވެ.

ދިރާގުގެ އައިޕީޓީވީ ޚިދުމަތަށް ރެޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ދިރާގުން ބުނީ ރެޖިސްޓްރީކުރާ ފުރަތަމަ 100 ކަސްޓަމަރުންނަށް އައިޕީޓީވީ ކަނެކްޝަން އަޅައިދިނުމާއި، ދިރަގު ޓީވީގެ ޖޯއިބޮކްސްގެ އިތުރުން ޚިދުމަތް ވެސް އަހަރު ދުވަހަށް ހިލޭ ލިބޭނެ ކަމަށެވެ. ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ދިރާގުގެ އައިޕީޓީވީ "ދިރާގު ޓީވީ"ގެ ޑެމޯއެއް ދައްކަނީ -- ސަން ފޮޓޯ/ މުހައްމަދު ސަމާހު

ރާއްޖޭގައި ކޭބަލް ޓީވީ މެދުވެރިކޮށް ލިބޭ ލޯކަލް ހުރިހާ ޗެނަލަކާއި ބޭރުގެ ގިނަ ޗެނަލްތައް ދިރާގުގެ އައިޕީޓީވީ ޚިދުމަތް "ދިރާގުޓީވީ"އިން ލިބެއެވެ. މީގެ އިތުރުން އެހެނިހެން އާ ޗެނަލްތައް ވެސް ތައާރަފުކުރުމުގެ މަސައްކަތް ދިރާގުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނާ ގުޅިގެން، ދިރާގު އައިޕީޓީވީން ތައާރަފުކުރާނެ އިންޓްރޮޑަކްޓަރީ ޕެކޭޖެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދިރާގުން އަންނަނީ ކުރަމުންނެވެ.

ދިރާގު އައިޕީޓީވީ ޚިދުމަތް ލިބޭ ޖޯއިބޮކްސްއާ އެކު ލިބެނީ ބްލޫޓޫތު ރިމޯޓެކެވެ. ޖޯއިބޮކްސްއާ ދިމާ ނުކޮށްވެސް ރިމޯޓުން ދިރާގުޓީވީ ކޮންޓްރޯލް ކުރެވެއެވެ.

comment ކޮމެންޓް