ލީގުގެ ގަދަ ހަތަރަކަށް އަރަން އޮތް ފުރުސަތު ދަނީ ހަނިވަމުން: ސުޒޭން

25 ފެބްރުއަރީ 2017: މާލޭ ލީގުގައި ވިކްޓަރީ އާއި ގުރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބް ކުރީ ގްރީން ސްޓްރީޓް---ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިނެމަށް ވިކްޓަރީ ސްޕޯޓްސް ކްލަބަށް އޮތް ފުރުޞަތު ވަރަށް ހަނިވެއްޖެ ކަމަށާއި މިއަދު މާޒިޔާ އަތުން ބަލިވުމަކީ ވިކްޓަރީއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް އެޓީމުގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

މާލޭ ލީގުގައި މިއަދު ހަވީރު މާޒިޔާ އަތުން 1-0 ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ މިއަދުގެ މެޗުގައި ވިކްޓަރީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި އަދި ރަނގަޅު ގިނަ ކަންތައްތަކެއް ވެސް ޓީމުގެ ފަރާތުން ފެނިގެންދިޔަ ކަމަށެވެ.

ތަޖުރިބާކާރު ކޯޗް ސުޒޭން ބުނީ މިއަދުގެ މެޗަށް ނުކުތް އިރުވެސް ވިކްޓަރީ އޮތީ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް އޮތް ފުރުޞަތު ހަނިވެގެންދާތީ އެ ޕްރެޝަރުގައި ކަމަށާއި އަދި މި މެޗުން ބަލިވުމުން އެއީ ވިކްޓަރީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ.

"ލީގުގެ ގަދަ ހަތަރަކަށް އަރަން އޮތް ފުރުޞަތު ވިކްޓަރީއަށް މިދަނީ މަޑުމަޑުން ގެއްލެމުން. އެއީ ވިކްޓަރީއަށް ލިބިގެންދާނެ ބޮޑު ގެއްލުމެއް،" މީގެ ކުރިން ވިކްޓަރީއަށް ކޯޗުކަން ކޮށްދިން އިރު އެޓީމަށް މުހިއްމު ކާމިޔާބީތެކެއް ހޯދައިދީފައިވާ ކޯޗް ބުންޏެވެ.

އޭޕްރީލް 13، 2017: މާލޭ ލީގުގައި ނިއު ރޭޑިއަންޓް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން: ފޯރިގަދަ ކުޅުމަކަށް ފަހު 2 - 1 ލަނޑުން މެޗު ކާމިޔާބު ކުރީ މާޒިޔާ -- ސަން ފޮޓޯ // ފަޔާޒު މޫސާ

މެޗަށް ފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮވެސްކީ ބުނީ މިއަދުގެ މެޗަށް މާޒިޔާ ނުކުތް އިރު އެޓީމު އޮތީ ވަރަށް ވަރުބަލިކޮށްކަމަށާއި ލީގުގައި ކުޅޭ އަށް ޓީމުގެ ތެރެއިން ހަމައެކަނި އޭއެފްސީގައި ކުޅޭ ޓީމަކީ އެ ޓީމު ކަމުން ލީގު މެޗަށް ނުކުންނަން ޖެހެނީ ބޭނުންވާ ވަރަށް އަރާމުނުކޮށް ކަމަށެވެ. ނަމަވެސް ކުޅުންތެރީން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ބޭނުންވި ކަންތައް ހާސިލްވެއްޖެ ކަމަށް މާޒިޔާގެ ކޯޗު ބުންޏެވެ.

މިއަދުގެ މެޗުގެ ނަތީޖާއާއެކު މާޒިޔާ އޮތީ ތާވަލުގެ އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓަށް ވުރެ އެއް މެޗު މަދުން ކުޅެ، ނަމަވެސް އެޓީމާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައެވެ. މާޒިޔާއަށް ދެ ވަނަ ލިބޭއިރު ތާވަލުގެ ތިންވަނައިގައި އޮތީ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ގްރީން ސްޓްރީޓެވެ.

comment ކޮމެންޓް