އޮންނަނީ މެރުމެއް ނޫން، ދޭންވީ ނަސޭހަތް!

ހައްދު ފަހަނައަޅާފައިވާ މީހުން ދައްކުވައިދޭ ފޮޓޯއެއް---

އެމީހުން ގަބޫލުކުރާ ވިސްނުން ގަބޫލުނުކުރާ އެހެން އެންމެންނަކީ ކާފަރުންކަމަށް އެމީހުން ބުނެ އެވެ. އެމީހުން ބުނާ ގޮތުން އެމީހުންގެ ވިސްނުން ގަބޫލުނުކުރާ މީހުންގެ މުދަލާއި އަނބިން ވެސް އެމީހުންނަށް ހުއްދަ އެވެ. އަދި އެއްވެސް ސަރުކާރެއް އެމީހުން ގަބޫލު ނުކުރާއިރު އެމީހުނަށް ތަބާނުވާ މީހުންނަކީ މަރަންޖެހޭ ކުފުރުވެފައިވާ ބައެއްގެ ގޮތުގައި އެމީހުން ދެކެ އެވެ. އެއީ "ތަކްފީރީން" ނެވެ. ނުވަތަ "ރެޑިކަލް އިސްލާމުން" ނެވެ. ހައްދުފަހަނަ އެޅި ފަރާތްތަކެވެ.

ކަމާބެހޭ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި އިސްވެ ފާހަގަކުރި ވިސްނުމުގައި މަސައްކަތްކުރާ އެތައް ދިވެހިންނެއް އުޅޭ އިރު ދުވަހުން ދުވަހަށް އެމީހުން އަންނަނީ އިތުރުވަމުންނެވެ. އަދި ކުރިއަށް ވުރެ އެމީހުންގެ ނުރައްކާ މިހާރު ބޮޑެވެ. އެއީ ބޮޑެތި ކުށްވެރީން އެމީހުންގެ ވިސްނުމަށް ބަދަލުކުރާތީ އެވެ. އަދި ހަނގުރާމަތަކަށް ގޮސް އަތުލައިގެންފައިވާ މީހުން އަނބުރާ އައިސް މިމުޖުތަމައުގައި އުޅޭތީ އެވެ.

"ކުރިން އުޅުނު އެވިސްނުމަށް ތާއީދުކުރާ މީހުންނަކީ އެހާ ކެރޭ ބައެއް ނޫން، އެކަމަކު 2012 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވެން ފެށި ގޭންގުތައް ކޮންވާޓްކުރާކަން، އެހެންވެ މިހާރު ނުރައްކާބޮޑު، ހަނގުރާމައަށް ގޮސްތިބި މީހުންގެ ތެރޭގައި ވެސް ކުށްވެރިން ގިނަ،" އޮފިޝަލް ވިދާޅުވި އެވެ.

ހައްދު ފަހަނައަޅާފައިވާ މީހުން ދައްކުވައިދޭ ފޮޓޯއެއް---

ގޭންގްތަކުގައި އުޅޭ ފަރާތްތަކަށް އެފަދަ މީހުން ވިސްނައިދެނީ ތައުބާންވާން ކުރަން ޖެހޭ ކަމަކީ އެމީހުންގެ ވިސްނުމާ ދެކޮޅު މީހުން މެރުން ނުވަތަ ޖިހާދުވުމަށް ބޭރުގެ ގައުމުތަކަށް ގޮސް ހަނގުރާމަކުރުން ކަމަށް މަސްދަރުތަކުން މައުލޫމާތުދެ އެވެ.

ގައުމުގެ މަސްލަހަތާ ކުޅުމަށް ރާއްޖެ އިން ބޭރުން އެފަދަ މީހުންނަށް މާލީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭކަމަށް މަސްދަރުތަކުން މައުލޫމާތުދެ އެވެ. އެމީހުންނަކީ ރަހުމުކުޑަ އަނިޔާވެރި ބައެއްކަމުން ނުރައްކާބޮޑު ކަމަށް މަސްދަރުތަކުން ބުނެ އެވެ. ދިވެހިންގެ ތެރޭގައި އިސްލާމްދީނާ އިދިކޮޅު ފަރާތްތައް އުޅޭއިރު އެމީހުންނާ ދެމެދު މިމީހުންނާ ހަމަނުޖެހުންތައް ވަރަށް ބޮޑެވެ. އަދި ޓޫރިޒަމް ފަދަ ދާއިރާތައް ހުއްޓުވުމަށް އެމީހުން ރޭވުންތައް ރާވާކަމަށް މައުލޫމާތުލިބެ އެވެ.

ދީނާ ހިލާފު ނަމަ، ވިސްނަދޭންވީ: ޝެއިހުން

ޝެއިހް ފަހުމީ ދީދީ އާއި ޝެއިހު އަލީ ޒާހިރުގެ އިތުރުން ޝެއިހް ހަސަން މޫސާ ފިކްރީ ވެސް ވިދާޅުވާ ގޮތުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން މެރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އެފަދަ މީހުންނަށް ނަސޭހަތްދީގެން އިސްލާހް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމްދީނުގެ މުޅި ފަލްސަފާ އޮންނަނީ މީހުން ރަނގަޅުކޮޅަށް ގެންނަން. މީހުން ނުބައިކޮށް ވާހަކަ ދެއްކުމެއްނޫން،" ޝެއިހް އަލީ ޒާހިރު ވިދާޅުވި އެވެ.

"އެއްބަޔަކު މެރުމާއި، ގަތުލްކުރުމާއި އިންޒާރު ދިނުމަކީ ދީނީ ހަމަތަކުން ރަނގަޅު ކަމެއް ނޫން، އިސްލާމް ދީންދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން ކުރަންވީ ކަމަކީ އިސްލާމް ދީނުގެ ރަނގަޅުކަން އަންގައިދޭންވީ."

ޔާމީން ރަޝީދުއަށް ހަމަލާދިނުމުގައި ބައިވެރިކަމަށް ބެލެވޭ ދެމީހަކު(ރީނދޫ ބޮޅުގެ ތެރޭގައި) ސައިކަލަށް އަރަނީ ---

"އެންމެ ރަނގަޅު ގޮތަކީ އެކަހަލަ މީހުންނަށް [ދީން ގަބޫލްނުކުރާ] އެޓޭކް ނުކޮށް ސަބަބު ބަލައި ފަރުވާ ދިނުން، އަދި ހަމަ އެހެންމެ ތައުލީމީ ދާއިރާ މަންހަޖު އިސްލާހު ކުރަމުންދާ ދުވަސްވަރެއްގައި ދީނީ ތައުލީމް މަންހަޖްގެ ތެރޭގައި ބޮޑަށް ހިމެނުމަށް މަސައްކަތް ކުރަން ޖެހޭ،" ޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވި އެވެ.

ދީން ގަބޫލު ނުކުރާ މީހުން އެގޮތަށް އެބަދަލުވަނީ ތައުލީމީ ދާއިރާއިން ނުވަތަ ލިބިފައި ހުރި ނުބައި މައުލޫމާތަކުން ކަމަށާއި އެފަދަ ފަރާތްތަކަށް ދީނުގެ ހަމަތަކުން ހަގީގަތް ހާމަކޮށްދީ ވިސްނައި ދިނުމަކީ އިސްލާމް ދީން އަންގާ ގޮތް ކަމަށް ޝެއިހް ވިދާޅުވި އެވެ.

"އިސްލާމްދީނުގެ ހަގީގަތް ހާމަވާ ހިސާބުން ދީނާ ހިލާފްވެގެން ނޫޅޭނެ، ފުރަތަމަ ކަމަކަށް ހައްގު ގޮތް ބުނެދިނުން އޮންނަނީ،" ޝެއިހް އަލީ ޒާހިރު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާއަށް ބަލާއިރު ދީން ގަބޫލު ނުކުރާ މީހުންނާއި ދީނަށް ލޯބިކުރާ މީހުންނާއި ދެމެދު ހޫނު ޒުވާބުތައް ހިނގަ އެވެ. އެ ޒުވާބުތަކުގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކު މަރަން ގޮވާ ހިސާބަށް ކަންކަންދެ އެވެ.

ޝެއިހް އަލީ ޒާހިރު ވިދާޅުވީ ދީން ގަބޫލް ނުކުރާ މީހުން ގައުމު ފަސާދަކޮށް ބައެއް ހަލާކު ކުރާ ނަމަ ކަމާ ބެހޭ ފަރާތްތަކުން ރަސްމީކޮށް އެކަންކަން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އެކަން ކުރާނީ އާންމުން އެކަކު އަނެކަކަށް އިންޒާރުދީގެން ނުވަތަ ހަމަލާދީގެން ނޫން ކަމަށް ޝެއިހް ވިދާޅުވި އެވެ.

"މަސައްކަތް ކުރަންވާނީ ކޮންމެ މީހަކީ ވެސް ރަނގަޅު މަގަށް ގެނެވޭނެ މީހެއްގޮތަށް ވިސްނައިގެން،" ޝެއިހް ވިދާޅުވި އެވެ.

ހައްދު ފަހަނައެޅި މީހުން ރިހެބިލޭޓްކުރަން ޖެހޭ

ތަކްފީރީން ރާއްޖޭގައި އިތުރުވަމުން އަންނައިރު އޭގެ ތެރެއިން ބައެއް މީހުންނަކީ ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސް ތިއްބައި އަނބުރާ ގެނެސްފައިވާ ފަރާތްތަކެވެ. އެ މީހުން މިޖުމުތަމައުގައި އުޅެނީ އެ ވިސްނުމުގައި ހަމަ އެހަރުކަށި ވިސްނުމުގަ އެވެ.

ކަމާބެހޭ މަސްދަރުތަކުން މައުލޫމާތު ދޭގޮތުގައި އެފަދަ ފަރާތްތަކުގެ ވިސްނުން ވަރަށް ހަރުކަށި އިރު އެމީހުން ރިހެބިލިޓޭޓް ކުރަން ޖެހެއެވެ. އަދި ރާއްޖޭގެ ދީނީ އިލްމުވެރިން ހައްގު އިސްލާމްދީން ބުނެދިނުމަށާއި މަގުދައްކަން ނުކުމެ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

ސީރިއާގައި ހަނގުރާމަ ކުރަމުންދަނިކޮށް މަރުވެފައިވާ ކަމަށް ބުނާ ދިވެއްސެއް: ސަން ފައިލް ފޮޓޯ

އިސްލާމްދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހުއްޓުވުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ގުޅިގެން މަސައްކަތްތަކެއް ކުރަމުން، އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެއް ކޮޅުން އިސްލާމްދީނާ ދެކޮޅު ދިވެހީންނެވެ. އަނެއް ކޮޅުން ހަރުކަށި ފިކުރުގެ ތަކްފީރީންނެވެ. އެ ދެބައި މީހުންގެ ދެމެދުގައި ހަނގުރާމަ މިވަނީ އިއުލާންކޮށްފަ އެވެ. ހައްގު ބުނެދޭން ޖެހެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަވަސްކުރަން ޖެހެ އެވެ. ހަގީގީ އިސްލާމްދީން ބުނެދޭން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ.

comment ކޮމެންޓް