އެމެރިކާގެ ސަބްމެރިނެއް ދެކުނު ކޮރެއާގައި ބަނދަރުކޮށްފި

އެމެރިކާގެ ޔޫއެސްއެސް މިޝިގަން ވަނީ ދެކުނު ކޮރެއާގައި ބަނދަރުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ސޯލް (އޭޕްރިލް 25): އުތުރު ކޮރެއާއިން އަނެއްކާ ވެސް ނިއުކްލިއާ ނުވަތަ މިސައިލް ޓެސްޓެއް ކޮށްފާނެ ކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް އެމެރިކާގެ ސަބްމެރިނެއް ދެކުނު ކޮރެއާގައި ބަނދަރުކޮށްފި އެވެ.

މިސައިލް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިގެންވާ ޔޫއެސްއެސް މިޝިގަންއަށް ފަހު މަތިންދާބޯޓު އުފުލާ ކާލް ވިންސަން އާއި އިތުރު މަނަވަރުތައް ކޮރެއަން ޕެނިންސުލާއާ ގާތް ކުރާނެ އެވެ.

އެމަނަވަރުތައް ކޮރެއަން ޕެނިންސުލާއާ ދިމާލަށް މިސްރާބު ޖެހުމުން އުތުރު ކޮރެއާ އިން ވަނީ ނުރުހުން ފާޅުކޮށް، އެމަނަވަރު ފައްތާލަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

މިއަދަކީ އުތުރު ކޮރެއާގެ އަސްކަރިއްޔާ ވުޖޫދަށް އައިތާ 85 އަހަރު ފުރުން ފާހަގަ ކުރާ ދުވަހެވެ. އަދި އެދުވަސް ފާހަގަ ކުރުމުގެ ގޮތުން އެގައުމުން ނިއުކްލިއާ ޓެސްޓެއް ނުވަތަ މިސައިލެއް ލޯންޗު ކުރުމުގެ ބިރު އޮތް ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އެހެންކަމުން ދެކުނު ކޮރެއާ އިން ވަނީ އުތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތައް ބަލަމުންދާ ކަމަށާއި، ނަމަވެސް އާދަޔާ ހިލާފު ކަމެއް އެގައުމުން އަދި ފާހަގަވެފައި ނުވާ ކަމަށް ބުނެފަ އެވެ.

އުތުރު ކޮރެއާގެ ބާނީ، ކިމް އިލް ސަންގުގެ 105 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 16 ވަނަ ދުވަހު އެގައުމުން ވަނީ ބެލިސްޓިކް މިސައިލެއް ލޯންޗުކޮށްފަ އެވެ. ނަމަވެސް އެމިސައިލް ވަނީ ނާކާމިޔާބުވެފަ އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެމެރިކާއާ ދެމެދު މައްސަލަ ހޫނުވަމުން ދިޔުމުގެ ސަބަބުން، އެ މައްސަލައާ ބެހޭ ގޮތުން އެމެރިކާގެ ސެނެޓަށް މައުލޫމާތު ދިނުމުގެ ގޮތުން ގައުމުގެ ހުރިހާ ސެނެޓަރުން މާދަމާ ވައިޓްހައުސް އަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ. އެފަދަ ބައްދަލުވުމެއް ވައިޓް ހައުސްގައި ބޭއްވުމަކީ އާއްމު އުސޫލުން ކުރާ ކަމެއް ނޫނެވެ.

އުތުރު ކޮރެއަށް ވާގިވެރިވާ ހަމައެކަނި ގައުމުކަމަށްވާ ޗައިނާ އިން ވަނީ މައްސަލަ އިތުރަށް ގޯސްވާ ފަދަ އަމަލުތައް ދެފަރާތުންވެސް ނުކުރުމަށް އެދިފަ އެވެ. (ބީބީސީ)

comment ކޮމެންޓް