އޮފީހެއްގެ ދޮރު ވައްޓާލައިގެން ވަދެ މީހަކު ހައްޔަރުކޮށްފި

އެ މީހާ ހައްޔަރު ކުރީ މއ. އެބޫ ނަމަކަށް ކިޔާ އިމާރާތެއްގެ އެންމެ ތިރީގައި ހުރި އޮފީހަކުން--- ސަން ފޮޓޯ

ފުލުހުން މިރޭ ހިންގި އޮޕަރޭޝަނެއްގައި މައްޗަންގޮޅި ސަހަރާ ކައިރީގައި ހުރި އޮފީހެއްގެ ދޮރު ވައްޓާލައިގެން ވަދެ އެތަނުން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މަންޒަރު ދުށް މީހަކު ސަން އަށް ކިޔައިދިން ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ބަޔަކު ވަދެފައި ވަނީ މއ. އެބޫ ނަމަކަށް ކިޔާ އިމާރާތެއްގެ އެންމެ ތިރީގައި ހުރި އޮފީހަކަށެވެ. އަދި އެތަނުން ބިޑި އަޅުގައިގެން މީހަކު ގެންދިޔަ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މައުލޫމާތު ދިން މީހާ ބުނި ގޮތުގައި، ބިދޭސީން ރާއްޖެ ގެންނައުމުގެ މަސައްކަތް ކުރާ އެ އޮފީހުން ގާތްގަނޑަކަށް ދެ ފޫޓު ހުރި ކަޅުކުލައިގެ ސިލިންޑަރެއް ކަހަލަ އެއްޗެއް ވެސް ގެންދިޔަ ކަމަށެވެ.

މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ އިތުރުން އެ ސަރަހައްދުގައި ފޮރެންސިކް ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

23 އޭޕްރީލް 2017 ވަނަ ދުވަހު، ޕީޓްރަލް ސަރަހައްދު ބަލާ ފާސް ކުރުން -- ސަން ފޮޓޯ

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިރޭ ވިދާޅުވީ، ފުލުހުން މާލޭގައި ހިންގާ ބޮޑު އޮޕަރޭޝަނެއްގައި ބައެއް ތަންތަނަށް ވަދެ، އެތަންތަނުން ބައެއް މީހުން ވެސް ހައްޔަރު ކުރަމުންދާ ކަމަށެވެ. އަދި މިހާރު ވެސް އޮޕަރޭޝަން ކުރިއަށްދާ ކަމަށާއި އެހެންކަމުން އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އޮޕަރޭޝަންގެ ތަފްސީލް މާދަމާގެ ވަގުތެއްގައި ހާމަކުރާނެ ކަމަށެވެ.

މާލޭގައި މިރޭ ހިންގާ ބޮޑު އޮޕަރޭޝަން ހިންގަނީ ކޮން ސަބަބަކާ ހުރެ ކަމެއް ޝިފާން ނުދެއްނެވި ނަމަވެސް، އޭނާ ވިދާޅުވީ އެއީ މާލޭގެ އަމަންއަމާންކަން ގާއިމްކުރުމަށް ހިންގަމުންދާ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުންގެ ހާއްސަ ބޮޑު އޮޕަރޭޝަނެއް މިރޭ ފަށާފައިވާއިރު، މާލެ ތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރެ، ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ވެސް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް