މޯލްޑިވިއަނަށް އާ ސީޕްލޭނެއް ގެނެސްފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ގެނައި އައު ބޯޓު--- ފޮޓޯ/ މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އާ ބޯޓެއް ގެނެސް، އަނެއްކާވެސް 10 ހަމަކޮށްފިއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި 10 ސީޕްލޭން އޮތް ނަމަވެސް، އޭގެ ތެރެއިން ދެ އެއާކްރާފްޓަކީ ކުރު މުއްދަތުގެ ކުއްޔަށް ގެނައި ދެ ބޯޓެވެ. އެ ދެ ބޯޓު މިހާރު ވަނީ އަނބުރާ ފޮނުވާލާފައެވެ.

އެއަށްފަހު ފެބްރެއަރީ މަހު އިތުރު ބޯޓެއް ގެނެސް، ސީޕްލޭން ފްލީޓަށް ނުވަ ބޯޓު ވަނީ ހަމަކޮށްފައެވެ. މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އައި އާ ބޯޓު މިރޭ ވެލާނާ އެއާޕޯޓަށް ޖެއްސީ 8:48 ގައެވެ. މި ބޯޓަކީ ސީޕްލޭން އޮޕަރޭޝަންތަކުގައި މޯލްޑިވިއަންއިން ބޭނުންކުރާ ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ.

މިރޭ ގެނައި އެއާކްރާފްޓާ އެކު މޯލްޑިވިއަންގެ ފްލީޓުގައި އޮންނާނީ ޖުމްލަ 21 އެއާކްރާފްޓެވެ. އެއީ އެއާބަސްގެ ދެ ބޯޓާއި، ސީޕްލޭނަށް ޚާއްސަ ދިހަ ޓްވިން އޮޓާ ބޯޓާއި، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަ، ޑޭޝް8 މަރުކާގެ ނުވަ ބޯޓެވެ.

ސީޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމަށާއި ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މޯލްޑިވިއަންއިން ވަނީ ޓްވިން އޮޓާ އެއާކްރާފްޓުތަކުގެ މެއިންޓެނަންސަށް ޚާއްސަ ހެންގަރެއް ފަރުމާކޮށްފައެވެ. މިވަގުތު ހަމައެކަނި ރިސޯޓުތަކަށް ދަތުރުކުރާ މޯލްޑިވިއަންގެ ސީޕްލޭންތަކުގެ ޚިދުމަތް، އަތޮޅުތެރޭގެ ރަށްރަށަށް މިއަހަރުގެ ތެރޭގައި ފަށާން ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަންއަށް ވިދާޅުވީ، މީހުން އުޅޭ ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ އިރު އެއް ސަރަހައްދަކަށް ދެތިން މަސް ތެރޭ ދަތުރުތައް ފެށޭނެ ކަމަށެވެ.

"އެއް ސަރަހައްދަކަށް ފެށުމަށް ނިންމާފައި ވަނީ ފުރަތަމަ، އިރާދަކުރެއްވިއްޔާ ދެ ތިން މަހެއް ތެރޭގައި ފެށޭނެ. ޕްލެޓް ފޯމް ބަލަހައްޓާނެ ފަރާތްތައް ފަދަ މަޝްވަރާތައް ދަނީ ކުރަމުން،" ނަޝާތު ވިދާޅުވިއެވެ.

comment ކޮމެންޓް