ދީނާއި ވެރިކަން ވަކިކުރުމަކީ ބިރުވެރި ކަމެއް: މިނިސްޓަރު ސައީދު

އިކޮނަމިކް މިނިސްޓަރު ސައީދު: ދީނާއި ވެރިކަން ވަކިކުރުމުގެ ފިކުރު ފަތުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި--- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ދީނާއި ވެރިކަން ވަކިކުރުމުގެ ފިކުރު ފަތުރަން ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި އެއީ ބިރުވެރި ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް މެދުހެންވޭރު ދާއިރާގެ ކެންޑިޑޭޓް ހުސްނީ އަގީލްގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ ފަގީރު ކަމެއްގެ ތެރެއަށް ވައްޓާލުމަށްޓަކައި ވަރަށް ރޭވުންތެރިކަމާއެކު އެތެރެއިންނާއި ބޭރުން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޑުއައްސަވާނެ ދީނާއި ވެރިކަން ވަކިކުރުމުގެ ވާހަކަ. މިވެސް ވަރަށް ބޮޑު ވާހަކައެއް. މި ފިކުރު ރާއްޖޭގައި ތިލަކުރަން ބަޔަކު މަސައްކަތް އެބަކުރޭ. މިއީ ވަރަށް ބިރުވެރި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ކުރިއަށް އޮތް ތިން އިންތިހާބު ވެސް ޕީޕީއެމަށް ކާމިޔާބުކޮށް ގައުމު ބައިބައިކޮށް ނެތިކޮށްލަން ކުރާ މަސައްކަތް ނާކަމިޔާބު ކޮށްލުމަށް ދިވެހި އަންހެނުންގެ ވާޖިބެއް އެބަ އޮތް ކަމަށެވެ.

އެގޮތުން ގައުމު ތަރައްގީގެ މަގުގައި ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ޖިހާދުގައި ހުރިހާ ބޭފުޅުން ބައިވެރިވުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

ރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ކައުންސިލްގެ ނައިބް ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ގެންނަމުން ގެންދާ ތަރައްގީއާއެކު އޭޝިއާ ސަރަހައްދުގެ އަގުބޮޑު ތަންތަނުގެ ތެރެއިން މާލެ ހިމެނޭނެ ކަމަށެވެ.

އެގޮތުން މާލެއާއި ހުޅުމާލެއަށް ގެންނަމުންދާ ތަރައްގީ ގުޅިގެންދާއިރު، އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯއަށްވުރެ ވެސް ޕްރޮޕަޓީތަކާއި ފުދުންތެރިކަން ވެސް މައްޗަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިމެނޭ، އެމްޑީއޭއިން ސަރުކާރާ ގުޅިގެން ކުރާ މަސައްކަތްތަކަށް ޝުކުރުއަދާ ކުރައްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ، އަމިއްލަ އެދުމެއް ނެތި ގައުމަށްޓަކައި ހިދުމަތްކުރާ ކަމުގެ މިސާލެއް ނަގާނަމަ އެމްޑީއޭގެ މިސާލަކީ ނަގަންޖެހޭނެ މިސާލެއް ކަމަށެވެ.

comment ކޮމެންޓް