ހިމާޔަތެއް ނެތިފައި

)5ޖުލައި 2011އިގެ ނޫހާ ގުޅޭ(

ލައިބާ ބަލަބަލާ ހުއްޓާ އަޒުރާ އެމީހާ އޭނަގެ ކޮޓަރިއަށް ވައްދާ ތަޅުލިއެވެ. ދެން އިވެންފެށީ ކޮންމެވެސް ލަވައެއްގެ އަޑެވެ.
"ލައި...މިއަދު ކިހިނެތްތަ؟ ކޮބާ މަންމަ" އިސްކޫލުން ގެއަށް އައިސްވަތް ޔަޒާންއަށް ބޮޑުއަށިމަތީ ޓީވީ ބަލަން އޮތް ލައިބާ ފެނުމާއިއެކު އަހާލިއެވެ. އޭނަ ހުރީ ވަރަށް ހޫނުވެ ދާހިތްލާފައެވެ.
ލައިބާ ވަކި އެއްޗެއް ނުބުނެ ހިނިތުންވެލުމާއިއެކު ޔަޒާން އޭނަގެ ކޮޓަރިއަށްވަނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ ޔަޒާން ލައިބާއަށް ގޮވާލިއެވެ. އެއަޑަށް ލައިބާ އައިސް އެކޮޓަރިއަށްވަނެވެ.
"ދޮންބެ އަންނަންވާއިރަށް މާރީތިވެލައިގެން ތިއޮތީ އަނެއްކާ ފެންވަރައިފިންތަ" ޔަޒާން އާދައިގެންމަތިން ފެންވަރަން ތައްޔާރުވަމުންދިޔައެވެ.
"ހޫމް... މިއަދު ލައި އެކަނި ފެންވަރާލީ، މަންމަވެސް ބުނެއެއްނު ލައިއަކީ މިހާރު ބޮޑުކުއްޖެކޭ، ދޮންބެ އަދިވެސް އުޅެނީ ލައި ކުޑަކުއްޖަކަށް ހަދައިގެން، ލައިއަށް މިހާރު ނައިން އިޔާސް ވެއްޖެއެއްނު،" ލައިބާ އޭނަ ބޮޑުވެއްޖެކަން އަންގައިދޭން އުޅޭފަދަ އެވެ.
"ހެ ހެ ހެ... އެކަމަކު އަދިވެސް ދޮންބެގެ ކޮނޑާ ހަމައަށް ވެސް ލައިގެ ބޯ ނާރާ، ތީ އަބަދުވެސް ދޮންބެގެ ކުޑަކުޑަ ލައި، ކޮބާ މަންމަ، އަދިވެސް ނިދާފަތަ؟ ލައި މިއަދު އެއްވެސް އެއްޗެއް ކައިފިންތަ؟" ޔަޒާން ފާހާނާއަށް ވަންނަން ދަމުން އަހާލިއެވެ.
"ނޫން އަދި ނުކަން، ލައިއެކަނި ނުކެރޭނެ ބަދިގެ ފަރާތަށް ދާކަށް، ދޮންބެ އާއިއެކު ދެން ދާނީ ކާން...މަންމަ އެބައުޅޭ ކޮޓަރީގަ، ފާޑެއްގެ މީހެއް މަންމަ ހޯދަން އައިމަ އެމީހާ ގޮވައިގެން ކޮޓަރިއަށްވަނީ" ލައިބާ ފޫހި ރާގެއްގައި އަޒުރާގެ ވާހަކަ ބުނެލިއެވެ.
ޔަޒާން ފެންވަރައިގެން ނުކުންނަންދެން ލައިބާ އޭނަގެ އެނދުގައި އިށީނދެލައިގެން އިނެވެ. ޔަޒާން މާގިނަ އިރެއްނުވެ ފާހާނާއިން ނުކުމެ ސޯޓު ބުރިއެއް ލައިގެން ލައިބާ ގޮވައިގެން ކާންދިޔައެވެ. ކާމޭޒުމަތީ ކުޑަތައްޓެއްގައި ރިހާކުރު ކޮޅަކާއި ރިހަބޯތައްޓެއް ހުއްޓެވެ. އަދި ބޯތައްޓެއްގެ ކުޅިމަސްވެސް ހުއްޓެވެ. ލައިބާ ޔަޒާން ކާތައްޓަށާއި އޭނަގެ ތައްޓަށް އުނދުންމަތީ ހުރި ތެލިން ބަތްއެޅިއެވެ. އަދި ދެތަށްޓަށް ފެންއެޅުމަށްފަހު ކާން އިށީނެވެ.
ކައިނިމިގެން އާދައިގެމަތިން ޔަޒާން ލައިބާއާއިއެކު ޓީވީ ބަލަން ބޮޑުއަށިމަތީ ތިބޭނެއެވެ. އެކަމަކު މިއަދު ޔަޒާން ލައިބާގެ ގާތުން އެދުނީ އޭނައާއި ވާހަކަ ދައްކާލުމަށާއި އަރާމުކޮއްލުމަށް ކޮޓަރީގައި ތިބުމަށެވެ. ލައިބާ ދެކޮޅުހެދުމެއްނެތި ކޮޓަރިއަށް ވަދެ އޭނަގެ އެނދު މައްޗަށް ވެއްޓިގަތެވެ. ޔަޒާން ވެސް އޭނަގެ އެނދުގައި ލައިބާއަށް ކުރިމަތިވާގޮތަށް އޮތެވެ.
"ރޭގަ ދޮންބެ ވަރަށް ދެރަވި ލައި އެހެން ހެދީމަ..."ޔަޒާން ދައްކަންފެށީ ލައިބާ އެކަމަކާ ދުރުހެލިވާން ބޭނުންވާ ވާހަކަތަކެވެ.
"ކަމެއްނުވޭ!" ލައިބާ މަޑުމަޑުން ބުނެލިއެވެ.
"ލައިއަށް ކޮންމެވެސް ކަމެއްވެއްޖެކަން ދޮންބެއަށް އެނގޭ، އަޅެ ބުނެބަލަ... ދޮންބެ ވަރަށް ލޯބިވޭ ލައިދެކެ، އެނގެއެއްނު ދޮންބެ ނޫނީ ލައިއަށް ރަނގަޅުކުއްޖެއް މިގޭގައެއް ނެތްކަން،" ޔަޒާން މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ލައިބާގެ ގާތުގައި އިށީނެވެ.
"ލައިއަށް ވެސް... ދޮންބެ ލައިއަށް އަދި ބައިވަރު ކަންތައް ދަސްކޮއްދޭން ބޭނުން... ލައިއަކީ ވަރަށް މޮޅު ކުއްޖެއްނު..." ލައިބާ އެއްވެސް އެއްޗެއް ނުބުނުމުން އަނެއްކާވެސް ޔަޒާން ވާހަކަދެއްކި އެވެ. ލައިބާގެ އަތުގައާއި ފިރުމަމުން ދިޔައެވެ. ލައިބާ މަޑުމަޑުން ތެދުވެ އެނދުގެ ބިއްދޮށަށް ޖެހި ފާރުގައި ލެނގިލިއެވެ. އަދި ފައިކުރުކޮއްލަމުން ދެކަކޫގެނެސް މަޔާއި ކައިރިކޮށްލުމާއިއެކު ދެއަތުން ފައިގާ ހިފަހައްޓާލިއެވެ.
ބަލަހައްޓައިގެން ލައިބާއިނީ ހަދާނެގޮތެއް ނޭގިފައެވެ. ދެކޮޅުހަދާނެހާ ހިތްވަރު އޭނަގެ އެބަހުރިބާއޭ ސިކުނޑިއާއި ހިތަށް އަރަމުންދިޔައެވެ. ޔަޒާން މަޑުމަޑުން ލައިބާ ގެންދަން މަސައްކަތްކުރިއެވެ. ލައިބާއަށް ކުރިއަށްވުރެވެސް ބާރަށް ހިފަހައްޓާލެވުނެވެ. ލައިބާގެ ހަށިގަނޑަށްވަނީ ހަރުކަށިކަމެއް ވެރިވެފައެވެ.
"ލައި ދޮންބެ..." ޔަޒާން ގާތަށް ޖެހިލިއެވެ. ލައިބާ ޔަޒާންގެ އަތް ހިފަހައްޓަން މަސައްކަތްކުރަމުން ދިޔައެވެ.
"ދޮންބޭ، ޕްލީޒް..." ލައިބާއަށް ބުނެލެވުނެވެ.
"ކިހިނެތްތަވީ؟ ދޮންބެ..." ޔަޒާން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިގެން ބުނެލިއެވެ.
"މީ ގޯސް... ހަޑި..." ލައިބާ ބިރުން އޮވެ ބުނެލިއެވެ.
"ކާކުބުނީ؟ ކާކު ލައިކައިރީ ބުނީ އެހެން؟" ޔަޒާން ލައިބާގެ ދެއަތުގައި ހިފަހައްޓައިގެން އިނދެ އެހިއެވެ.
"ސްކޫލުން ބުނީ... މަންމަ ގާތު ނޫނީ މިސްމެން ގާތު ބުނާށޯ... އެއީ ގޯސް..." ލައިބާ ރޮވިފައިކަހަލަ ގޮތަކަށް އޮވެ ބުނެލި އެވެ.
ޔަޒާންއަށް ވެގެން އުޅޭގޮތް އެނގުނީ އަދިކިރިޔާ އެވެ. ލައިބާއަށް މިހާބޮޑު ބަދަލެއް އައީ ކީއްވެކަމެވެ. އެވާހަކަތަކަކީ ޔަޒާން ވެސް އިސްކޫލުން އަޑުއަހާފައިވާ ވާހަކަތަކެކެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ޔަޒާން ނުދެއެވެ. އޭނަ ލައިބާގެ ވިސްނުން ބަދަލުކޮއްލުމަށް މަސައްކަތްކުރި އެވެ.
"މީ ލައިގެ ދޮންބެއެއްނު، ދޮންބެ ކުރިންވެސް ބުނީމެއްނު ލައިއަށް ދެރަގޮތެއް ދޮންބެ ނުހަދާނަމޭ،" ޔަޒާން ބުނެލި އެވެ.
ލައިބާ ޔަޒާން އަށް ފުރުސަތެއް ނުދިނެވެ. ޔަޒާން ވަރަށް މަސައްކަތްކުރަމުން ދަނިކޮށް ކުއްލިއަކަށް ދޮރުގެ ތަޅުގައި ހިފުމަށްފަހު ދޮރުގައި ތަޅައިގަތްއަޑުއިވުނެވެ. ޔަޒާން ސިއްސައިގެން ގޮސް ފުއްމާލިއެވެ. އަދި އަވަސް އަވަހަށް ވައިއަޑުން އެއްޗެއް ބުންޏެވެ. ލައިބާ މޫނުރީތި ކޮއްލިއެވެ.
"ލައިބާ... ޔަޒާން... މި ދޮރު ތަޅުލީ ކޮން މޮޔައެއްވެގެންތަ... ދޮރު ހުޅުވަބަލަ؟" އަޒުރާގެ އަޑު އިވުނެވެ. ޔަޒާން މޫނު ފޮހެލައިގެން ހަމަޖެހިލުމަށް ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު ދޮރުހުޅުވިއެވެ.
"ކީއްތަ ތިކުރަނީ ދޮރުތަޅުލައިގެން؟" އަޒުރާ ކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ.
"ފާޑެއްގެ މީހާގަޑެއް މިގެޔަށް ގެނެސްގެން އުޅޭވާހަކަ ލައި ބުނި، މަންމަގެ ކޮޓަރިއަށް އޭނަ ގޮވައިގެން ވަން ވާހަކަ ބުނީ؟" ޔަޒާން އަޒުރާގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލި އެވެ.
"އެއީ ކަލެއާ ބެހޭކަމެއްނޫން، މީނަ އިސްކޫލަށް ލާން ދާތި... މިއަދު ކަލެއަކަށް އަހަރެން ބޭނުމެއްނުވޭ، ހަވީރު މިއުޅެނީ ބޭރަށް ދާން!" އަޒުރާ ފޮނިގޮތަށް ކޮޓަރިން ނުކުމެގެން ދިޔައެވެ. އޭނަ ކުރިން ކުރި ސުވާލުގެ މަތިން ހަނދާން ވެސް ނެތްފަދައެވެ. އެކޮޓަރި ތަޅުލައިގެން ލައިބާ އާއި ޔަޒާން ތިބީ ކީއްވެކަމެވެ. ޔަޒާން ދޮރުލައްޕާލުމަށް ފަހު ފުންނޭވާއެއް ބޭރުކޮއްލި އެވެ. އަދި ނިތްކުރިން ހިއްލަމުންދިޔަ ދާތިކިތައް ފޮހެލަމުން އޭނަ ލައިބާއަށް ބަލާލިއެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު