ޒައިދުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި

ފެބްރުއަރީ، 22، 2017: ޒައިދު ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ްބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި އެވެ.

ޒައިދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑުއެހުން މާދަމާ 11 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

ޒައިދުފެ މައްޗަށް ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 232 ވަނަ މާއްދާގެ ދަށުންނެވެ. އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އުފުލާފައި ވަނީ 233 ވަނަ މާއްދާގެ ދަށުންނެވެ. އަދި ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަަ މާއްދާގެ ދަށުންނެވެ.

އެ ތިން ދައުވާ ޒައިދުގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން އަހަރަށް ޖަލަށް ލުމެވެ. އަދި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު ކޮންމެ ދައުވާއެއް ސާބިތުވިޔަސް ހަތަރު މަހާ 24 ދުވަހަށް ޖަލަށް ލެވޭނެ އެވެ.

ޒައިދު ހައްޔަރުކޮށްފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

ޒައިދުގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ ދައުލަތުގެ އިސްވެރިންތަކެއްގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދައި ހާމަކުރުމުގެ ތުހުމަތެވެ.

ޒައިދު މިހާރު ހުރީ ގޭ ބަންދުގަ އެވެ.

comment ކޮމެންޓް