މިދިޔަ އަހަރު ގައުމުތަކުން އަސްކަރީ ކަންކަމަށް 1.7 ޓްރިލިޔަން ޑޮލަރު ޚަރަދު ކުރި

ސްޓޮކްހޮމް (އެޕްރީލް 24) : 2016 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން ކުރި އަސްކަރީ ޚަރަދުތައް 1.7 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް ދުނިޔޭގެ އަމަނާއި ސުލްހައާބެހޭ ދިރާސާތައްކުރާ ސްޓޮކްހޮމް އިންސްޓިޓިއުޓުން ބުނެފިއެވެ.

ސްޓޮކްހޮމް އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިޓިއުޓް (ސިޕްރީ)އިން ނެރުނު ދިރާސާ ރިޕޯޓެއް ބުނާ ގޮތުން އަރަބި އެތަށް ގައުމެއްގަ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ސަބަބުންނާއި ޓެރަރިޒަމާ ދެކޮޅަށް އެކިގައުމުތަކުން ކުރަމުން ގެންދާ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުން ކުރި އަސްކަރީ ޚަރަދުތައް 2016 ވަނައަހަރު (އޭގެ ކުރީ އަހަރާ އަޅާބަލާއިރު) ވަނީ 04 އިންސައްތަ އިތުރުވެފައެވެ.

މި ރިޕޯޓްގައިވާ ގޮތުން އަސްކަރީ ކަންކަމަށް އެންމެ ބޮޑަށް ޚަރަދުކުރާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ އެމެރިކާ، ރަޝިޔާ، ޗައިނާ، އިންޑިޔާ، އަދި ސައޫދީ އަރަބިޔާއެވެ. ދުނިޔޭގައިވާ އެންމެ ބޮޑު އަސްކަރީ ޖަމާއަތްކަމަށްވާ ނޯތް އެޓްލާންޓިކް ޓްރިޓީ އޮގަނައިޒޭޝަން (ނޭޓޯ) އިންވަނީ އެޖަމާއަތުގެ މެންބަރު ގައުމުތަކުން އަހަރެއްގެ މައްޗަށް ކުރާ އަސްކަރީ ޚަރަދުތައް އެގައުމުތަކުގެ ގައުމީ އާމްދަނީ (ޖީޑީޕީ)ގެ ދެ އިންސައްތަށްވުރެ އިތުރު ނުކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް ނޭޓޯގެ ގިނަ ގައުމުތަކުން މިއާއެއްގޮތަށް އަމަލުނުކުރާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބަޖެޓް އޮންނަ އެމެރިކާއިން މިދިޔައަހަރު އަސްކަރީ ކަންކަމަށް ޚަރަދުކޮށްފައިވަނީ 611 މިލިޔަން އެމެރިކާ ޑޮލަރެވެ. ޗައިނާއިން އަސްކަރީ ކަންކަމަށް ޚަރަދުކޮށްފައިވަނީ 215 ބިލިޔަން ޑޮލަރެވެ. ރަޝިޔާއިން ޚަރަދުކޮށްފައިވަނީ 86 ބިލިޔަން ޑޮލަރެވެ. ސައޫދީ އަރަބިޔާއިން 46 ބިލިޔަން ޑޮލަރެވެ. ސައޫދީން ޔަމަން ގެ ހަނގުރާމައިގާ ސީދާ ގޮތެއްގައި ބައިވެރިވެފައި ސޫރިޔާގެ ހަނގުރާމައިގާ ނުސީދާ ގޮތެއްގައި ބައިވެރިވި ނަމަވެސް 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ސައޫދީން އަސްކަރީ ކަންކަމަށް ކުރި ޚަރަދުތައް އޭގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު ކުޑަކަމަށް ވެއެވެ. މިކަމުގެ ފަހަތުގައިވަނީ ތެލުގެ އަގު ދަށްވުމުން ސައޫދީ އަށް ލިބޭ އާންދަނީ ދަށަށްދިޔުންކަމަށް މިރިޕޯޓް ބުނެއެވެ.

އިންޑިޔާއިން 56 ބިލިޔަން ޑޮލަރެވެ. އިންޑިޔާގެ އަސްކަރީ ބަޖެޓް ބޮޑުވަނީ އެގައުމުގެ ސިފައިންގެ ލަޝްކަރުތައް ޒަމާނީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުންނެވެ. ސިފައިންގެ ލަޝްކަރުތައް ޒަމާނީ ކުރުމަށް އިންޑިޔާ ހިންގަމުން ގެންދާ ޕްރޮގްރާމްގެ ތެރޭގައި އެގައުމުގައިވާ ބައު ހަތިޔާރުތައް ޒަނާމީ އައު ހަތިޔާރުތަކަށް ބަދަލުކުރުމާއި ސިފައިންގެ އަސްކަރީ އޮނިގަނޑާއި ކޮމާންޑްތައް އިސްލާޙް ކުރުން ހިމެނެއެވެ.

ޔޫރަޕްގެ ބޮޑު ބާރުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން އަސްކަރީ ކަންކަމަށް ކޮށްފައިވަނީ އިންޑިޔާއަށްވުރެ ކުޑަ ޚަރަދެކެވެ. (ޖަރުމަނު ނޫސް އެޖެންސީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު