މުޖުރިމުންގެ ހަމަލާތައް ސިޑިގޮޅިން!

ޔާމީން މަރާލި ގޭ ދޮރާށި ކައިރީގައި ފުލުހުން-- ޔާމީން މަރާލީ އެގޭ ސިޑީ ގޮޅީގައި-- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓީވީ މެދުވެރިކޮށް ދީނީ ނަސޭހަތް ދީފައި ނިދިކުރެއްވުމަށް ގެއަށް ވަޑައިގަތުމަށް ދޮރުން އެތެރެވުމާ އެކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ ރާއްޖެ ދުށް އެންމެ މޮޅު އެއް އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އެވެ. މިދިޔަ އަހަރު ކުޑަކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ ވެސް މަރާލީ ހަމަ އެކަހަލަ ގޮތަކަށެވެ. އއ. ތޮއްޑޫ އިބްރާހިމް ޒަމީން ވެސް މަރާލާފައި އޮތީ ސިޑިގޮޅީގަ އެވެ. ދާދިފަހުން މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު ވެސް މަރާލީ ހަމަ އެކަހަލަ ގޮތަކަށެވެ. މި މަރުތައް ހިނގާފައިވާ ގޮތުން ވިސްނަން ޖެހޭ ބޮޑު ކަމެއް ފާހަގަ ކުރެވެ އެވެ.

ސިޑިގޮޅީގެ ނުރައްކާ ބޮޑު!

ކުށްކުރާ މީހުން އެކަން ކުރާއިރު އެންމެ ބޮޑަށް ވިސްނާ އެއްކަމަކަށް ވާނީ އެމީހުންނަކީ ކޮށްބައެއްކަން ނޭނގި އެކަން ކުރުމެވެ. އެ ވިސްނުމުގައި ވިސްނާ ނަމަ ހަލަބޮލި މާލެއިން އެ ފުރުސަތު އެންމެ ބޮޑަށް ލިބޭ އެއްތަނަކީ ގޭގޭ ސިޑި ގޮޅިތަކެވެ.

ޔާމީން މަރާލި ގޭ ދޮރާށި ކައިރީގައި ފުލުހުން-- ޔާމީން މަރާލީ އެގޭ ސިޑީ ގޮޅީގައި-- ސަން ފޮޓޯ: ފަޔާޒު މޫސާ

"ސިޑި ގޮޅިވީމަ އެމީހުންނަށް ސޭފް ދޯ، ބޭނުން އެއްޗެއް ހެދޭނު، އެހެންވެ އެތަން އެ އިހްތިޔާރުކުރަނީ،" މައްސަލަތައް ތަހުގީގު ކުރާ އޮފިޝަލަކު ވިދާޅުވި އެވެ.

މަގުތަކުގައި ކުށްކުރުން އެއީ މުޖުރިމުން ފިލަން އޮތް ހުރަހަކަށްވުމުން ސިޑިގޮޅިތައް އެއީ ބޮޑެތި ކުށްތަކުން ފެށިގެން ކުދިކުދި ކުށްތައް ކުރަން މިހާރު އުޅޭ ސަރަހައްދެވެ. ކުށަކާއި ނުލައި މީހުން މެރުމާއި މަސްތުވުމާއި ބަދުއަހުލާގީ އަމަލުތައް ހިންގުމަށް ގޭގޭ ސިޑިގޮޅި ބޭނުން ކުރުން ވަރަށް އާންމެވެ.

"ބޮއެގެން [މަސްތުވެގެން] ހޮޑުލާފައި ވެސް ހުރޭ ސިޑިމައްޗަށް، ސުކޫލު ކުދިން ޔުނީފޯމްގައި ވަދެ ހުތުރު [ބަދުއަހުލާގީ] އަމަލު ހިންގަން ވެސް ތިބޭ، މިއީ ބޮޑުވެއްޖެ ކަމެއް،" ދަރިންނަށް ތައުލީމް ހާސިލްކޮށްދޭން މާލެ އައިސް އުޅޭ އަންހެނަކު ބުންޏެވެ.

ސެކިއުރިޓީ މުހިންމު

އަފްރާޝީމް މަރާލި އިރު އެގޭގެ ދޮރު ހުރީ ބޭނުން މީހަކަށް ވަދެވޭގޮތަށް ހުޅުވާފަ އެވެ. ފަހުން ފާހަގަކުރި މަރުގެ މައްސަލަ ތަކަށް ބަލާއިރު ވެސް އެކަން ފާހަގަވެ އެވެ. އެގޭގޭގައި ބޮޑެތި ޖަރީމާތައް ހިންގާއިރު އެގޭގެއަކީ ބޭނުން ކޮންމެ މީހަކަށް ބޭނުންކޮންމެ އިރެއްގައި ވަދެވޭ ގޮތަށް ހުންނަ ގެކަން ފާހަގަ ކުރެވެއެވެ.

ދިވެހި ސެކިއުރިޓީ ޕައިނިއާސް (ޑީއެސްޕީ)ގެ ޑިރެކްޓާ އަހުމަދު ހެންސަން ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކަށް އޮތް އެންމެ ބޮޑު ހައްލަކީ ގޭ ދޮރުގައި ސެކިއުރިޓީ ހަރުކުރުން ކަމަށެވެ.

ގޭގެ ލޮކް ސިސްޓަމް-- ހުއްދަދޭ ބަޔަކަށް ނޫނީ ނުވަދެވޭނެ ގޮތަށް ތަޅުހަރުކުރުން ބުއްދިވެރި--

"ބޭނުން ކޮންމެ މީހަކަށް ވަދެވޭ ގޮތަށް ހުރީމަ ކުށްކުރަން ވަދެވޭނެ ދެއްތޯ، އެކަމަކު ސެކިއުރިޓީ ލައިފި ނަމަ އެކްސެސްވެ ވޭނީ ހުއްދަ ދީގެން ނޫންތޯ،" ހެންޝަން ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ އިސް އޮފިޝަލަކު ވެސް އެކަމާ އެއްބަސްވެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި މުޖުރިމުން ގެތަކަށް އެ ވަންނަނީ މަގުތަކުގައި އެފުރުސަތު ނުލިބޭތީ ކަމަށާއި ގޭތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

"ރަނގަޅު ދޮރުތައް ލައިފައި ލޮކްލީމާ މިކަމަށް ހައްލެއް އަންނާނީ، އޭރު ހަމަލާދޭން ފިލައި ގޭތެރޭ ނުހުރެވޭނެ ދޯ." އިސް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ މާކެޓުގައި އެފަދަ ދޮރުތަކާއި ސެކިއުރިޓީ ތަޅުތައް ލިބެން އެބަހުއްޓެވެ. ގިނަ އަދަދެއްގެ ގެ ތަކުގައި އެފަދަ ސިސްޓަމްތައް ބޭނުން ވެސް ކުރެ އެވެ. ގޭ މަތީ ފުލޯތަކުގައި ހުރެގެން ގެއަށް ވަދެ ނުކުންނަ މީހުން ބެލޭނެ ނިޒާމްތައް އެބަހުއްޓެވެ. ހަމައެހެންމެ ހުއްދަ ދޭ ވަކި ބަޔަކަށް ނޫނީ ގެއަށް ނުވަދެވޭނެ ގޮތަށް ހެދޭނެ ލޮކްތައް އެބަހުއްޓެވެ.

ކޮންމެ އަކަސް މީހުން މެރުމާއި ބޮޑެތި ކުށްތައް ގޭތެރޭގައި ކުރުމަށް އޮތް މަގު ބަންދު ކުރަންޖެހެ އެވެ. ހަރަދެއްކޮށްގެން އެކަން ވާގޮތް އެބައޮތެވެ. ރައްކާތެރިކަން އިސްކުރާށެވެ. މުޖުރިމުންގެ އަމާޒަކީ މިހާރު ސިޑިގޮޅިތަކެވެ.

comment ކޮމެންޓް