އިމާރާތް ކުރުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރައީސް ޔާމީން: އެމަނިކުފާނު ވަނީ އިމާރާތް ކުރުމުގެ ބިލު ތަސްދީގު ކުރައްވާފައި --- ފައިލް ފޮޓޯ

މިމަހު 12 ވަނަ ދުވަހުގެރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރި އިމާރާތްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ބިލު ގާނޫނަކަށް ބަދަލުވެ މިހާރު ވަނީ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 44 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިއެއްނުވެ އެވެ. އަވަސް އަރުވާލައިގެން ބިލް ރަނގަޅަށް ދިރާސާނުކޮށް ހުރި ކަމަށް ބުނެ އިދިކޮޅު މެމްބަރުން ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވޯޓުގައި ބައިވެރިވެވަޑައިނުގެން މަޖިލިސް ދޫކޮށް ވަޑައިގެންފަ އެވެ.

އިމާރާތް ކުރުމުގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ކުރިން އޮތް ނަމަވެސް ކޮމެޓީ މަރުހަލާގައި ވަނީ އެ އަދަދު އިސްލާހުކޮށްފަ އެވެ.

އިމާރާތް ކުރުމުގެ ގަވާއިދާ ހިލާފުވެގެން 5000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ކަނޑައަޅައިފަ އޮތް ނަމަވެސް އެ އަދަދު ވަނީ 2500 ރުފިޔާ އާއި 500،000 ރުފިޔ އާ ދެމެދުގެ އަދަދަކުން ކުޑަކޮށްފަ އެވެ.

އިމާރާތް ބޭނުން ކުރެވޭނީ ހުއްދަ ލިބިގެން

ވަކި އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ކަމާ ބެހޭ އިދާރާޔަކުން އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ލިޔުމުން ދޫކުރުމުގެ ކުރިން އިމާރާތް ބޭނުންކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އިމާރާތް ބެލެހެއްޓުމަށް ޓަކައި އިމާރާތުގައި މީހަކު ބެހެއްޓިދާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ވަގުތީ ގޮތުން ދިރިއުޅުމުގެ ހުއްދައެއް ދޫކޮށްފައިވާ ނަމަ އިމާރާތް ބޭނުން ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ހުއްދައަކާ ނުލައި އިމާރާތްކުވޭނެ ހާލަތްތައް

ދުރާލާ ހުއްދަ ހޯދުމަށް ވަގުތު ނުލިބޭ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ހުއްދަ ހޯދުމަކާ ނުލައި އިމާރާތް ކުރެވޭނެ ކަމަށް އިމާރާތާ ބެހޭ ބިލުގައި ވަނީ ބުނެފަ އެވެ.

  1. މީހެއްގެ ފުރާނަ ނުވަތަ ސިއްހަތު ރައްކާތެރި ކުރުމަށް
  2. މީހެއްގެ ފުރާނައަށް ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތަކުން ސާލާމަތް ކުރުމަށް
  3. ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުން ފޫބެއްދުމުގެ ގޮތުން ކުއްލި ގޮތުގައި އިމާރާތްކުރަން ޖެހޭ ހާލަތްތައް

މަޖިލިހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ފެބްރުއަރީ ހައެއްގައި ފެށި ފަހުން މިހާތަނަށް ބޭއްވީ 14 ޖަލްސާ އެވެ.

comment ކޮމެންޓް