ޖަޕާނުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުވަ މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޖަޕާނު ސަފީރު ހެލްތު މިނިސްޓަރަށް އެހީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ހިލޭ އެހީގެ ގޮތުގައި އެ ގައުމުން ފޯރުކޮށްދީފައި ވަނީ 66.7 މިލިއަން ޖަޕަނީސް ޔެން ނުވަތަ 9.34 މިލިއަން ދިވެހި ރުފިޔާއަށްވާ، ސިއްހީ ދާއިރާއަށް ބޭނުންވާ ތަފާތު ވަސީލަތްތަކެވެ.

އެ އެހީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ އެވެ. އެ އެހީއާ ސަރުކާރުގެ ފަރާތުން ހަވާލުވެދެއްވީ މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ޖަޕާނު ސަރުކާރުން ފޯރުކޮށްދިން ހިލޭ އެހީގެ ބައެއް ތަކެތި މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ އެތަކެތި ބޭނުންކުރާނީ އަތޮޅުތެރޭގައި ސަރުކާރުން ގާއިމްކޮށްދެއްވާފައިވާ އެކި ހޮސްޕިޓާތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ކަމަށެވެ. އެގޮތުން މިހާރު ލިބިފައިވާ ތަކެތި އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން މިނިސްޓަރު ނާޒިމް ފާހަގަކުރެއްވި އެވެ.

"ރައީސް ޔާމީންގެ ސިއްހީ މެނިފެސްޓޯގަ އޮންނާނެ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ފެންވަރު ރަނގަޅު ނިޒާމަކުން ގުޅާލަން. އެހެންވީމަ އަޅުގަނޑުމެން މިތަކެތި ބޭނުންކުރާނީ އަތޮޅުތެރޭގަ މިހާރު ސިއްހީ ނިޒާމު އެންމެ ބޮޑަށް ބޭނުންވެފައި ހުރި ދާއިރާތައް ހަރުދަނާކުރުމަށް،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ތަކެތީގެ ތެރޭގައި މޯބައިލް އެކްސްރޭ މެޝިނާއި ޑެންޓަލް ޔުނިޓާއި މޯބައިލް ވެންޓިލޭޓާ ފަދަ ތަކެތި ވެސް ހަދިޔާކުރައްވާފައިވާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ. އެތަކެތި ހަދިޔާކުރެއްވި ކަމަށްޓަކައި މިނިސްޓަރު ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ޖަޕާނު ސަފީރު ވިދާޅުވީ، ޖަޕާނަކީ އަބަދުވެސް ދިވެހިރާއްޖެއާ ދެމެދު ހާއްސަ ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތާގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ލިބޭފަދަ މަސައްކަތްތައް ސަރުކާރާ ގުޅިގެން ކުރައްވަމުން ގެންދަވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖަޕާނު ސަފީރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަފީރު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރަން މުހިންމު މަސައްކަތްތަކެއް ކުރައްވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިއަދު ވެދެއްވި އެހީއަކީ އެކަމަށް ޖަޕާނު ސަރުކާރުން އިތުރުކޮށްދެއްވި ކަމެއް ކަމަށް ސަފީރު ވިދާޅުވި އެވެ.

ޖަޕާނު ސަރުކާރުން ވަނީ 2012 ވަނަ އަހަރު ވެސް 7.7 މިލިއަން ރުފިޔާގެ އަގުހުރި މެޑިކަލް އިކުއިޕްމަންޓް ރާއްޖޭގެ ސިއްހީ ނިޒާމަށް ހަދިޔާކުރައްވާފައެވެ. އަދި މި އަހަރު ފަހުކޮޅުވެސް އެ ގައުމުން ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކެއް ހޯއްދެވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.

comment ކޮމެންޓް