ފާރިސް ފުލުހަށް ހާޒިރުކުރީ ރިޝްވަތުދޭން އުޅުނު ކަމުގެ ތުހުމަތުގައި

ފާރިސް މައުމޫން: އޭނާގެ މައްޗަށް ރިޝްވަތުދޭން އުޅުން ކަމުގެ ތުހުމަތުގައި މިއަދު ފުލުހަށް ހާޒިރުކޮށްވަނީ ސުވާލުކޮށްފައި --- ސަން ފައިލް ފޮޓޯ

ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ކޮށްފި އެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދޭން އުޅުން ކަމުގެ ތުހުމަތު ކޮށްފައި ވަނީ މާޗް މަހުގެ 27 ވަނަ ދުވަހު ނެގި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

ތުހުމަތުކޮށްފައިވާ އެ މައްސަލައާ ގުޅިގެން މިއަދު ފާރިސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވީ، ތުހުމަތު ކުރެވޭ ވަރުގެ މައުލޫމާތެއް ފުލުހުންގެ އަތުގައި ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭގެ އިތުރން އެ ތަހުގީގަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިނގާ ތަހުގީގެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފާރިސް ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުންގެ ކިބައިން އެ ތަހުގީގަކީ ގާނޫނާ އެއްގޮތަށް ހިނގާ ތަހުގީގެއްކަން ހާމަކޮށްދިނުމަށް އެދުން ކަމަށާއި، އަދި ތުހުމަތެއް ކުރެވޭ ވަރުގެ ހެކި ނުވަތަ މައުލޫމާތު ހުރި ނަމަ އެކަން އަންގައި ދިނުމަށް އެދުން ކަމަށެވެ.

ނަމަވެސް އެދުނު ދެކަމުން ކުރެ އެއްވެސް ކަމެއް ފުލުހުން ކޮށްދީފައި ނުވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދޭން އުޅުންކަމުގެ ތުހުމަތުކޮށްފައިވާ އިރު، އޭނާގެ އެހެން މައްސަލައެއް ތަހުގީގު ކުރުމަށް ފަހު މިހާރު ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.

ފާރިސް މައުމޫނަކީ ސަރުކާރާއި އިދިކޮޅަށް ހަރަކާތްތެރިވާ ކޯލިޝަންގެ އިސް ބައިވެރިއެކެވެ. އެކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ އިރު ގާސިމް އާއި އެ ކޯލިޝަންގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް