އިސްލާމިކް އިކޮނޮމިކްސް ކިޔަވައިދޭ ސަރަހައްދީ އިންސްޓިޓިއުޓެއް ރާއްޖޭގައި ގާއިމްކޮށްފި

އެމްސީއައިއެފްއިން "ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފިނޭންސް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްސީއައިއެފް

މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ސަރަހައްދީ ފެންވަރުގައި އިސްލާމިކް އިކޮނޮމިކްސް ކިޔަވައިދިނުމަށް ޓަކައި "ސައުތް އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފިނޭންސް" ގެ ނަމުގައި އިންސްޓިޓިއުޓެއް ގާއިމްކޮށްފި އެވެ.

އެ އިންސްޓިޓިއުޓް އިފްތިތާހުކޮށްފައި ވަނީ އިއްޔެ ޗަމްޕާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެވެ. އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޒްލީން ވަނީ އެ އިންސްޓިޓިއުޓް ގާއިމް ކުރުމަށް ޓަކައި ސަރުކާރުން ކުރި މަސައްކަތްތަކާއި، ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ ވިދާޅުވީ އެ އިންސްޓިޓިއުޓްގެ މަގްސަދަކީ އިސްލާމިކް ފިނޭންސް އިންޑަސްޓްރީއަށް ތަމްރީން ލިބިފައި ހުރި މީހުން އިތުރު ކުރުން ކަމަށާއި އެދާއިރާއިން ތައުލީމް ލިބިފައި ތިބި މީހުން ރާއްޖޭގައި ވަރަށް މަދު ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްސީއައިއެފްގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ އެ އިންޓިޓިއުޓްގެ ބައެއް ކޯސްތައް މިއަހަރުގެ ފަހުކޮޅުގައި ފަށާނެ ކަމަށެވެ.

އެމްސީއައިއެފް އިން ބުނި ގޮތުގައި ސައުތު އޭޝިއާ ސަރަޙައްދުގެ އިސްލާމީ އިގްތިސާދުގެ ހަބަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އެދާއިރާ އިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަކީ އެ ސެންޓަރުން އެންމެ އިސްކަމެއް ދޭ އެއްކަމެވެ. އެ މަގްސަދު ހާސިލްކުރުމަށް ޓަކައި އިސްލާމިކް ފައިނޭންސްއަށް ހާއްސަކޮށްގެން ސަރަހައްދީ ފެންވަރެއްގައި ހަރަކާތްތެރިވާނެ ތައުލީމީ އިންސްޓިޓިއުޓެއް ރާއްޖޭގައި ޤާއިމް ވެފައިވުމަކީ މުހިންމުކަމެއް ކަމަށް އެ ސެންޓަރުން ބުންޏެވެ.

comment ކޮމެންޓް