ވިމެން ފުޓްސަލް ފިއެސްޓާގެ ދެވަނަ ބުރަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

ވިމެންސް ފުޓްސަލް ފިއެސްޓާގައި އިމިގްރޭޝަނާއި އެމްޕީއެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ، 18/30 ވިމެން ފިއެސްޓާގެ ގުރޫޕް ސްޓޭޖްގެ ކުޅުން ނިމި ދެވަނަ ބުރަށް ދިޔަ ޓީމްތައް ކަށަވަރުވެއްޖެއެވެ.

ދެވަނަ ބުރަށް ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެޓީމަށް ދަތުރުކުރެވޭއިރު އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެން ގުރޫޕްގެ ތިންވަނަ ހޯދި ދެޓީމަށްވެސް ވަނީ ދެވަނަ ބުރުންޖާގައެއްލިބިފައެވެ.

ގުރޫޕް އޭއަށް ބަލާއިރު އެއްވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ފެނަކައެވެ. އެޓީމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވި އިރު ދެވަނަ ބުރަށް ދަތުރުކުރީ ޖުމުލަ 12 ޕޮއިންޓާ އެކު ފައިދާ 60 ގޯލް ޖަހައިގެންނެވެ. އެ ގުރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ދިވެހި ސިފައިންގެ ކުލަބެވެ. އެޓީމުން ދެވަނަ ބުރަށް ދިޔައީ ޖުމުލަ 9 ޕޮއިންޓްހޯދައި ފައިދާ 25 ގޯލާ އެކުއެވެ.

ގުރޫޕް ބީއަށް ބަލާއިރު ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ މިފަހަރުގެ މުބާރާތުަގައި އަލަށް ވާދަކުރި ރާއްޖޭގެ އެންމެ ދެކުނުން އައްޑުއަށް ނިސްބަތްވާ އަވައެފްޓީން ނެވެ. އެޓީމުން ދެވަނަ ބުރަށް ދަތުރުކުރީ 10 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕް ބީއިން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ދެވަނަ އަށް ދިޔައީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީއެވެެ. އެޓީމަށް ލިބުނީ ނުވަ ޕޮއިންޓެވެ.

ގުރޫޕް ސީއަށް ބަލާއިރު އެ ގުރޫޕުން ދެވަނަ ބުރަށް ދަތުރުކުރީ އެމްޕީއެލްއާއި މިދިޔަ އަހަރުގެ ޗެމްޕިއަން އިމިގްރޭޝަނެވެ. އިމިގްރޭޝަނާއި އެމްޕީއެލް ދެޓީމަށްވެސް 10 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެމްޕީއެލް ދެވަނަ ބުރަށް ދިޔައީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ކުރި ލިބުނީ ފައިދާ 31 ގޯލްގެ ސަބަަބުންނެވެ.

މުބާރާތުގެ ގަވައިދު ބުނާ ގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ތިންވަނަ ޓީމުތަކުގެ ތެރެއިން ދެޓީމަށްވެސް ދެވަނަ ބުރުން ޖާގައެއް ލިބޭއިރު މިފަހަރު އެ ޖާގަ ލިބުނީ ޕޮލިސް ކުލަބަށާއި އެސްޓިއޯ ރެކްރިއޭޝްން ކުލަބަށެވެ.

comment ކޮމެންޓް