ބޭރުގެ އެހީހޯދައިގެން ނަމަވެސް ޔާމީނުގެ ގާތިލުން ހޯދާނަން: ހޯމް މިނިސްޓަރު

ކޮމިޝަނާ އޮފް ޕޮލިސް އަރީފާއި ހޯމް މިނިސްޓަރު އަޒްލީން---ފޮޓޯ/ ރައީސް އޮފީސް

ބޭރުގެ އެހީތެރިކަން ހޯދައިގެން ނަމަވެސް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ ގާތިލުން ހޯދާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މަރާ ގުޅިގެން ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އަނިޔާވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނުގެ ތެރެއިން އަދަބު ދޭނެ ކަމަށެވެ. އަނިޔާވެރިން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަންޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގާތިލުން އިންސާފު ކުރިމައްޗަށް ގެނެވޭނެ ސަރުކާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އެދަނީ ކުރަމުން. ބޭރުގެ އެހީތެރިކަން ހޯދައިގެން ވެސް ޔާމީންގެ ގާތިލުން ﷲ އިރާދަކުރެއްވިޔާ ހޯދޭނެ،،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަހުގީގަށް އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ ފުލުހުންނާ އެ މައުލޫމާތެއް ހިއްސާކުރުމަށް އެދޭ ކަމަށެވެ. މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ރާއްޖޭގައި އަމާންކަން ގާއިމްކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އަމާންކަން ގާއިމް ކުރުމަށް ކަމަށް އަޒްލީން ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގް ނުނިމި އުޅެނިކޮށް ޔާމީންއަށް ތޫނު އެއްޗަކުން ހަމަލާތަކެއްދީ މަރާލާފައި ވަނީ އިއްޔެގަ އެވެ.

comment ކޮމެންޓް