މޭޔަރުކަމުން ސަރަނގު އާދަމް މަނިކު އިސްތިއުފާ ދެއްވައިފި

މާލޭގެ މޭޔަރު ކަމުން ސަރަނގު އާދަމް މަނިކު މިރޭ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެމަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އޭނާ މަގާމު އިސްތިއުފާ ދެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް އެންވޯއީއަކަށް ސަރަނގު އާދަމް މަނިކު ހަމަޖައްސައިފަ އެވެ.

ދަފުތަރާ އެކު ރާއްޖޭގެ ޖުމްލަ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުން ދިރިއުޅޭ ވެރިރަށް މާލޭގެ ތާރީހީ މޭޔަރު، ކަމަށް އާދަމް މަނިކު ވަޑައިގެންނެވީ ފެބުރުއަރީ 26، 2011ގަ އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އޮން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ކަމަށް މައްޗަންގޮޅި ގޮމަށިގޭ ސަރަނގު އާދަމް މަނިކު، މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނަވައިގެން އާދަމް މަނިކު އަދާކުރައްވާނެ ދައުރު ވަރަށް ބޮޑު ކަމަށާއި އެ ގޮތުން ވެށި ފަހި ޕްރޮގްރާމް ހިންގެވުމާއި މަގުތައް ހެއްދެވުމާއި ބުރިޖްތައް އެޅުއްވުމާއި އެބަތުގެ ހުރިހާ ކަމެއްގައި އިސް މޭސްތިރިއެއްގެ ދައުރު އަދާ ކުރައްވާނެ ކަމަށެވެ. އަދި އެފަދަ ހުރިހާ ކަމެއްގައި ރައީސަށް ލަފާ އަރުއްވަވާނީ ވެސް ސަރަނގު އާދަމް މަނިކު ކަމަށް ޒުހައިރު ވިދާޅުވި އެވެ.

މިހާރު ވެސް ވެށިފަހި މާލެ ޕްރޮގްރާމް ހިންގެވުމާއި ރިޔާސީ ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓެވުން ފަދަ އިސް މަގާމުތައް ފުރުއްވަވާ އާދަމް މަނިކުގެ މުސާރައަށް ގާތްގަނޑަކަށް 42000ރ. ލިބިވަޑައިގަންނަވާނެ ކަން ސަން އަށް ވަނީ އެނގިފަ އެވެ.

މާލޭގެ މޭޔަރުކަމުން އިސްތިއުފާދެއްވިކަން މިރޭ ކަށަވަރުކޮށްދެއްވަމުން އާދަމް މަނިކް ވިދާޅުވީ، "އިސްތިއުފާދެއްވި ހަގީގީ ސަބަބު ހާމަކުރެވެން ނެތް" ކަމަށެވެ. އަދި އޭނާ ވިދާޅުވީ، މިހާރު އޮތް ސިސްޓަމްގެ ތެރެއިން އެމަގާމުގައި ހުންނަވައިގެން އިތުރަށް މަސައްނުކުރެއްވޭނެތީ މަގާމުން ދުރަށް ވަޑައިގަތުމަށް ނިންމެވީ ކަމަށެވެ.

މޭޔަރު ކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ސިޓީ ކައުންސިލްގައި ކައުންސިލަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

ސަރަނގު އާދަމް މަނިކު މޭޔަރުކަމުން އިސްތިއުފާ މިދެއްވީ، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ތައްޔާރުވެފައިވަނިކޮށެވެ. މިހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށްފައިވެސްވެ އެވެ. ނަމަވެސް، ޖަލްސާ ފެށުމާއެކު ކުޑައިރުކޮޅެއް ތެރޭ އެ މައްސަލަ ހުށަހެޅުއްވި ކައުންސިލަރު މުހައްމަދު ފަލާހް ވަނީ މައްސަލަ އަނބުރާ ގެންދަވައިފަ އެވެ.

އެގާރަ ކައުންސިލްގެ މޭޔަރު ކަމަށް އަށް ވޯޓުގެ އަޣުލަބިއްޔަތަކުން އާދަމް މަނިކު ހޮވުނު ނަމަވެސް، އޭނާ މޭޔަރުކަމަށް ވާދަ ނުކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައި، ފަހު ވަގުތު އެކަމަށް ކުރިމަތިލެއްވުމުން އެމައްސަލަ އޭރު ހޫނުވެގެން ވެސް ގޮސްފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު