ޔާމީންގެ މަރަށް އެއް ދުވަސް، އަދި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ

ޔާމީން ރަޝީދު: ސަރުކާރުން ވަނީ އޭނާ މަރާލުމަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައި ----

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ރާއްޖޭގެ މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު މަރާލިތާ 24 ގަޑިއިރަށް ވުރެ ގިނައިރު ފާއިތުވެގެން ދިޔައިރު، އެމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާކަން އެނގިފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ސަންއިން ސުވާލުކުރުމުން، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، "މިވަގުތު ވަކިއެއްޗެއް ހާމަ ކުރެވެން ނެތް" ކަމަށެވެ.

ސަން އަށް އެނގިފައިވާގޮތުގައި އަދި މީހަކު ހައްޔަރެއްނުކުރެއެވެ.

ފުލުހުން ކުރިން ބުނީ، ޔާމިން ވަނީ ބަޔަކު ގަސްތުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ކަމަށާއި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކުރައިމް ޑިޕާޓްމަންޓުން ތަހްގީގްކުރަމުން އަންނަ ކަމަށެވެ.

ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗެއް ހަރައި، ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައި އޮއްވައި ޔާމީން ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭ ސިޑިގޮޅިންނެވެ. އަދި އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

ޔާމީން ރަޝީދަކީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަމުންް އަންނަ އަދި އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ގިނަ މަސައްކަތްތަކެއް ކުރަމުން އައި ޒުވާނެކެވެ.

ޔާމީންގެ މަރާގުޅިގެން ދިވެހި ސަރުކާރުން ވަނީ އެ ހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

"މި އަމަލަކީ އަނިޔާވެރިކަމާއި ރަހުމްކުޑަކަމުގެ ދަށުދަރަޖައިގެ އަމަލެކެވެ. އަދި މި އަމަކު އެންމެ ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި، ދިވެހި ސަރުކާރުގެ ނަމުގައި ކުށްވެރިކުރަމެވެ." ސަރުކާރުން ނެރުނު ބަޔާނުގައި ވެއެވެ.

ސަރުކާރުން ބުނެފައިވަނީ، ދިވެހި ޒުވާނަކަށް މިފަދަ އަނިޔާވެރިކަމެއް ދިނުމަކީ، ދިވެހި ސަރުކާރުން އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

"ޔާމީން ރަޝީދުގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިއަށް ލިބުނު އުނިކެމެކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ ޑިމޮކްރަސީއާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެކެވެ."

comment ކޮމެންޓް