ފަރަންސޭސި ރިޔާސީ ރޭހުގެ ކުރީގައި މަކަރޫން އާއި ހަރުކަށި ފިކުރުގެ މޭރީން ލޮޕޭން

ޕެރިސް (އެޕްރީލް 24): ފަރަންސޭސި ރިޔާސީ ރޭހުގެ ކުރީގައި އުޅުއްވަނީ އިމަނުއެލް މަކަރޫން އާއި ނެޝަނަލް ފްރޮންޓްގެ ކެންޑިޑޭޓް މޭރީން ލޮޕޭންކަން މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ހާމަވެއްޖެއެވެ.

މިދެބޭފުޅުންގެ ތެރެއިން ކުޑަ ތަފާތަކުން ކުރީގައި އުޅުއްވަނީ ހަރުކަށި ފިކުރުގެ ކެންޑިޑޭޓް މޭރީން ލޮޕޭން އެވެ. މެރީ ލޮޕޭންއަކީ ފަރަންސޭސިވިލާތަށް ހިޖްރަކޮށްގެން އުޅޭ މުސްލިމުންނާއި އެނޫން ބޭރުމީހުން އެގައުމުން ބޭރުކުރުމަށް ގޮވާލައި އަދި އެހެންގައުމުތަކުގެ މީހުން ފަރަންސޭސިވިލާތަށް ހިޖްރަކުރުން މަނާކުރުމަށް ގޮވާލާ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ.

މިހާތަނަށް ވޯޓުގެ 97 އިންސައްތަ ގުނާފައިވާ އިރު އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ނުލިބޭނެކަންވަނީ ކަށަވަރުވެފައެވެ. މަކަރޯން އަށް 23 އިން ސައްތަ ލިބިފައިވާއިރު މޭރީން ލޮޕޭންއަށް ލިބިފައިވަނީ 21 އިންސައްތައެވެ.

އެހެންކަމުން މިދެބޭފުޅުން ދާންޖެހޭނީ ދެވަނަ ބުރަކަށެވެ. ދެވަނަ ބުރު އޮންނާނީ އަންނަ މޭމަހުގެ 7ގައެވެ. ފަރަންސޭސި ރިޔާސީ އިންތިޚާބުގައި 11 ކެންޑިޑޭޓުން ވާދަކުރައްވާއިރު މީގެތެރޭގައި ރައީސް އޮލާންދް ހިމެނިވަޑައެއް ނުގަންނަވައެވެ.

ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ހަރުކަށި ވިސްނުމުގެ މޭރީން ލޮޕޭން ދިޔުމުން ފަރަންސޭސި އެހެން ކެންޑިޑޭޓުންނާއި މެދުމިނުގެ ފިކުރުގެ ބޭފުޅުންނަށްވަނީ ކުއްލި ޝޮކެއް ލިބިފައެވެ. އެހެންކަމުން ހުރިހާ ކެންޑިޑޭޓުންވެސްވަނީ ދެވަނަ ބުރުގައި އިމަނުއެލް މަކަރޫންއަށް ތާއީދުކޮށް އޭނާއަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް