މޯލްޑިވިއަންގެ ސީޕްލޭން މިއަހަރު ރަށްތަކަށް

މޯލްޑިވިއަންގެ ސީޕްލޭނެއް: އެކުންފުނިން އަންނަނީ އަތޮޅުތެރެއަށް ދަތުރުތައް ފަށަން ތައްޔާރުވަމުން -- ސަން ފައިލް ފޮޓޯ

ގައުމީ އެއާލައިން މޯލްޑިވިއަންއިން ކުރަމުންއަންނަ ސީޕްލޭންގެ ދަތުރުތައް އަތޮޅުތެރޭ ރަށްތަކަށް މި އަހަރު ފެށޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސީޕްލޭންގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވިއަންއިން އަންނަނީ އިތުރު ބޯޓްތައް ގެންނަމުންނެވެ. އޭގެ ތެރެއިން 10 ވަނަ ސީޕްލޭން މިރޭ ރާއްޖެ ގެނައުމަށް ވަނީ ނިންމައިފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަންއަށް ވިދާޅުވީ، މީހުން އުޅޭ ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ އިރު އެއް ސަރަހައްދަކަށް ދެތިން މަސް ތެރޭ ދަތުރުތައް ފެށޭނެ ކަމަށެވެ.

"އެއް ސަރަހައްދަކަށް ފެށުމަށް ނިންމާފައި ވަނީ ފުރަތަމަ، އިރާދަކުރެއްވިއްޔާ ދެ ތިން މަހެއް ތެރޭގައި ފެށޭނެ. ޕްލެޓް ފޯމް ބަލަހައްޓާނެ ފަރާތްތައް ފަދަ މަޝްވަރާތައް ދަނީ ކުރަމުން،" ނަޝާތު ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ މޯލްޑިވިއަންއަށް އާ ސީޕްލޭންތައް ގެންނަމުންދާ އިރު ރިސޯޓްތަކާއި ވާހަކަ ދައްކައިގެން އެހިދުމަތް ވަރަށް ފުޅާ ކުރަމުން އަންނަ ކަމަށެވެ.

ސީޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމަށާއި ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ޓުވިން އޮޓާ އެއާކްރާފްޓުތަކުގެ މެއިންޓެނަންސަށް ޚާއްސަ ހެންގަރެއް ފަރުމާކޮށްފަ އެވެ.

comment ކޮމެންޓް