ދީޕިކާގެ ބަދަލުގައި ޝާހު އާއެކު ފެނިގެންދާނީ އާލިއާ؟!

'ތަންނޫ ވެޑްސް މަންނޫ'، 'ރާންޖާނާ' އަދި 'ތަންނޫ ވެޑްސް މަންނޫ: ރިޓާންސް'ގެ ޑައިރެކްޓަރު އާނަންދު އެލް ރާއިގެ ކުރިއަށް އޮތް ފިލްމުން ޝާހު ރުކް ޚާން އާއެކު ފެނިގެން ދާނީ ދީޕިކާ ޕަދުކޯން އަދި ކެޓްރީނާ ކައިފް ކަމަށް ކުރިން ވަނީ ބެލެވިފައެވެ.

ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ދީޕިކާ މިހާރު ވަނީ އެ ފިލްމު ދޫކޮށްލައިފައެވެ. އަދި ދީޕިކާގެ ބަދަލުގައި އެ ފިލްމަށް، މިހާރު ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި ޒުވާން ބަތަލާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ އާލިއާ ބަޓް މިވަނީ ހަމަޖައްސައިފައެވެ.

ޚަބަރުތައް ބުނާގޮތުން އާލިއާ މިހާރު ވަނީ ފިލްމަށް ސޮއިކޮށްފައެވެ. އެހެންކަމަށް ވާނަމަ އެއީ ޝާހު އާއި އާލިއާ އެކުގައި ފެނިގެންދާ ދެވަނަ ފިލްމަށް ވެގެންދާނެ އެވެ. ޝާހު އަދި އާލިއާ ވަނީ މީގެ ކުރިން، ކާމިޔާބު ފިލްމު 'ޑިއާ ޒިންދަގީ' ގައި މަސައްކަތް ކޮށްފައެވެ. މިއީ ކެޓްރީނާ އަދި އާލިއާ ވެސް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަށް ވެގެންދާނެ އެވެ.

ޝާހު އާއި ކެޓްރީނާ ވަނީ މީގެ ކުރިން 'ޖަބް ތަކް ހޭ ޖާން' ގައި ވެސް މަސައްކަތް ކޮށްފައެވެ.

އާލިއާ އާއި ޝާހު އަދި އާނަންދު އެކުގައި އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެއް މި މަހުގެ ތެރޭގައި ވަނީ އާންމުވެފައެވެ. އެހާ ހިސާބުން ފިލްމަށް އާލިއާ ހަމަޖައްސާފައިވާ ކަމުގެ ވާހަކަތައް ދެކެވެން ފެށުނެވެ.

ރިޕޯޓުތައް ބުނާގޮތުން ދީޕިކާ ފިލްމު ދޫކޮށްލީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ'ގެ މަސައްކަތުގައި މާބޮޑަށް ބުރަކޮށް އުޅެން ޖެހުމުންނެވެ. 'ޕަދްމާވަތީ' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ހުނަރުވެރި އެކްޓަރު ރަންބީރު ކަޕޫރުގެ ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ދީޕިކާ އަދި ކެޓްރީނާ އެކުގައި ފިލްމަކުން ފެނުމުގެ އިންތިޒާރުގައި ތިބި ފޭނުންނަށް ހަމަގައިމުވެސް އެކަމަށް އިތުރު އިންތިޒާރެއް މިވަނީ ކުރަން ޖެހިފައެވެ.

އާނަންދުގެ ފިލްމުގެ މަސައްކަތް ފަށާނީ މި މަހު އެވެ.

comment ކޮމެންޓް