ސޮނާކްޝީގެ 'ނޫރް' ބޮޑު ފްލޮޕް އަކަށް!

ބަތަލާ ސޮނާކްޝީ ސިންހާ ލީޑު ރޯލުން ފެނިގެންދާ މަޖާ، ކްރައިމް-ތުރިލަރ، 'ނޫރް' ބޮކްސް އޮފީހުގައި ފްލޮޕްވެއްޖެ އެވެ.

ފިލްމުގެ ޓްރެއިލަރ ރިލީޒްކުރި ހިސާބުން ފިލްމާ މެދު ބޮޑު އުންމީދު ތަކެއް ކުރެވުނު ނަމަވެސް، އުންމީދު ކުރި މިންވަރާ ގާތަށް ވެސް ފިލްމަށް ތަރުހީބު ލިބިފައެއް ނުވެ އެވެ.

ފިލްމު ރިލީޒް ކުރިތާ ދެ ދުވަސް ވީއިރު، ފިލްމަށް ލިބިފައި ވަނީ އެންމެ 3.43 ކުރޯރު ރުޕީޒް އެވެ. ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނީ ނޫރު ރިލީޒް ކުރި ދުވަހު އެ ފިލްމަށް ލިބުނީ 1.54 ކުރޯރު ރުޕީޒް ކަމަށެވެ. އަދި ދެވަނަ ދުވަހު ފިލްމަށް ލިބުނީ 1.89 ކުރޯރު ރުޕީޒް އެވެ.

ހިންދުސްތާން ޓައިމްސްގައި ޝާއިއު ކޮށްފައިވާ އެ ފިލްމުގެ ރިވިއުގައި ބުނެފައި ވަނީ ފިލްމުގައި ނޫސްވެރިކަމަކީ ކޮބައިކަން ރަނގަޅަށް ބުނެދެވިފައި ނުވާ ކަމަށާއި، އަދި ފިލްމުން ހާސިލް ކުރަން ބޭނުންވާ މަގުސަދު ވެސް ސާފު ނުވާ ކަމަށެވެ.

'ނޫރް' އަކީ ޕާކިސްތާނުގެ ލިޔުންތެރިޔާ ސަބާ އިމްތިއާޒް ލިޔެފައިވާ ވާހަކަ 'ކަރާޗީ، ޔޫ އަރ ކިލިންގް މީ'ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ނަމަވެސް މުމްބާއީގައި ފިލްމު ޝޫޓު ކުރުމަށް ވާހަކައިގެ ސެޓިންގ ވަނީ މުމްބާއީއަށް ބަދަލުކޮށްފައެވެ.

ސުނިލް ސިޕީ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ބުޝަން ކުމާރު އެވެ.

comment ކޮމެންޓް