އެލް ކްލެސިކޯ ލަނޑުގެ ރެކޯޑަކާއެކު މެސީގެ ފަރާތުން ބާސާއަށް ތާރީޚީ 500 ލަނޑު

މެސީ ބާސާއަށް ކާމިޔާބުކޮށްދިން 500 ވަނަ ލަނޑު ފޮނުވާލަނީ، އަދި މިއީ 15 ލަނޑާއެކު އެލް ކްލެސިކޯގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލި ލަނޑު -- ފޮޓޯ: ގެޓީ

ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ، ރެއާލް މެޑްރިޑާއި ބާސެލޯނާގެ މެދުގައި ކުޅެވޭ ލަ ލީގާގެ ކުރިމަތިލުންތައް (އެލް-ކްލެސިކޯ) މެޗުތަކުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއެކު ބާސާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ އެޓީމަށް ތާރީޚީ 500 ވަނަ ލަނޑު ކާމިޔާބުކޮށް ރެކޯޑެއް ގާއިމުކޮށްފިއެވެ.

އެލް-ކްލެސިކޯ ކުރިމަތިލުންތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މީގެ ކުރީން އޮތީ، ޖުމުލަ 14 ލަނޑާއެކު ރެއާލްގެ ލެޖެންޑު އަލްފެރެޑޯ ޑި ސްޓެފާނޯ އަތުގައެވެ. އެހެން ނަމަވެސް، ބާސާގެ ތަރި ލިއޯ މެސީ މިވަނީ ޖުމުލަ 15 ލަނޑާ އެކު އެލް-ކްލެސިކޯ ޓޮޕް ސްކޮރާގެ ރެކޯޑު މުގުރާލައިފައެވެ. މީގެ އިތުރުން މެސީ ވަނީ، އޭނާގެ ފަރާތުން ބާސެލޯނާއަށް 500 ވަނަ ލަނޑުވެސް ހަދިޔާކޮށްފައެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު 28 ވަނަ މިނިޓްގައި ރެއާލްގެ ކަސެމީރޯ ކާމިޔާބުކޮށްދިން އިރު، 33 ވަނަ މިނިޓްގައި މެސީ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 73 ވަނަ މިނިޓްގައި އިވާން ރަކިޓިޗް ބާސާއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް 86 ވަނަ މިނިޓްގައި ހަމޭސް ރޮޑްރިގޭޒް ވަނީ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްލައިފައެވެ. ބާސާގެ ފަހު ލަނޑު މެސީ ކާމިޔާބުކުރީ ފަހު ހާފުގެ އިތުރު ވަގުތުގެ ދެމިނިޓްތެރޭގައެވެ.

މެސީގެ ތާރީޚީ 500 ވަނަ ލަނޑު ވެގެން ދިޔައީ، އާދީއްތަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި އެޓީމުގެ އެތަކެއް ހާސް ސަޕޯޓަރުންގެ ހިތް ކުދިކުދި ކޮށްލުމަށް ފަހު ފޯރިގަދަ ކްލެސިކޯ މެޗުން ބާސާއަށް 3 ޕޮއިންޓު ކަށަވަރުކޮށްދިން ލަނޑަށެވެ. މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި މެސީ ކާމިޔާބުކުރި އެ ލަނޑާއެކު ބާސާ ވަނީ، ޕޮއިންޓުގެ ގޮތުން ރެއާލާ އެއްވަަރުކޮށް (75 ޕޮއިންޓް)، އަދި ލަނޑުގެ ތަފާތުން ކުރިހޯދައި ލީގު ތާވަލުގެ އެއްވަނައަށްވެސް ޖެހިލައިފައެވެ.

ބާސެލޯނާގައި މުޅި ފުޓްބޯޅަ ކެރިއަރު ހޭދަކޮށްފައިވާ، މިހާރު އުމުރުން 29 އަހަރުގެ މެސީ، އެންމެ ފުރަތަމަ އެލް-ކްލެސިކޯ ލަނޑެއް ޖެހީ އޭނާގެ އުމުރުން 19 އަހަރުގައެވެ. އެއީ 2007 ވަނަ އަހަރު، ރެއާލްއާ ބާސާ 3-3 ލަނޑުން އެއްވަރުވި ފޯރިގަދަ މެޗުގައެވެ. އެ މެޗުގައި މެސީ ވަނީ ހެޓްރިކެއް ހަދައިފައެވެ.

މެސީ ވަނީ، ބާސާއަށް ލަ ލީގާގައި، 343 ލަނޑު، ޗެމްޕިއަންސް ލީގުގައި 94 ލަނޑު، ކޮޕަ ޑެލްރޭގައި 43 ލަނޑު، ސްޕެނިޝް ސުޕަރ ކަޕްގައި 12 ލަނޑު، ފީފާ ކްލަބް ވޯލްޑް ކަޕްގައި 5 ލަނޑު އަދި ޔޫރަޕިއަން ސުޕަރ ކަޕްގައި 3 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެސީގެ ލަނޑުގެ ރެކޯޑުތަކުގެ ތެރޭގައި، ޖެހިޖެހިގެން 8 ސީޒަންގައި 40 އަށް ވުރެ ގިނަ ކްލަބް ގޯލް ހަމަ އެކަނި ކުޅުންތެރިޔާގެ ރެކޯޑާއި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގަށް ބަލާއިރު އެންމެ އަވަހަށް 300 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑުވެސް ހިމެނެއެވެ. އޭނާ ވަނީ 334 މެޗުން 300 ލަނޑު ހަމަކޮށްފައެވެ.

comment ކޮމެންޓް