ތިން މަސް ތެރޭ މަރުގެ ހުކުމް ތަންފީޒު ކުރާނަން: ރައީސް

ރައީސް ޔާމީން އާއި ދައުލަތުގެ ބައެއް މިނިސްޓަރުން --- ސަންފައިލް ފޮޓޯ

ކުރިއަށް އޮތް ތިން މަސްތެރޭ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށާއި މިހާރު އެކަމަށް ތައްޔާރުވަމުން ދާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 125 ވަނަ ދުވަސް ފާހަގަކުރުމަށް މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހާއްސަތަނެއް މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ އާލާތްތައް ކުރިއަށް އޮތް ދެ މަސް ނުވަތަ ތިން މަސް ތެރޭ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެ ވާހަކަފުޅަށް އަލިއަޅުއްވާލާފައި ވަނީ މިއަދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ބްލޮގަރު އަދި ސޯޝިއަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއަދު ވެސް ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އޮތީ މަރުގެ ހުކުމް ތަންފީޒު ކުރާނަމޭ. މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ މިންވަރު އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ގައުމުގެ އިސްތަފުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސިޔާސީ ލީޑަރުން މަރުގެ ހުކުމް ތަންފީޒު ކުރުމާ ފާޅުގައި ދެކޮޅު ހައްދަވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދިވެހިން ކުރިމަތިލާން ޖެހެނީ ހިތްދަތި ނޭދެވޭ ނަތީޖާ ތަކާ ކަމަށެވެ.

"ރަހުމުކުޑަ ހުރިހާ މުޖުރިމުންނަށް ވެސް އަޅުގަނޑު ދަންނަވަން އޮތީ ގާނޫނު އަރާ ހަމަކުރާނޭ،" ރައީސް ޔާމީނާް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެފަދަ ކުޑަ ކުޑަ ތަނެއްގައި 60 އަހަރު ފަހުން މަރުގެ ހުކުމް ތަންފީޒު ކުރާތީ ސަރުކާރާއި ރައީސް ޔާމީނަށް ފާޑު ކިޔުންތައް އަންނަ ކަމަށެވެ. ސިޔާސީ ހަތުރުންނާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ފާޅުގައި ފާޑުކިޔަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންނަމަވެސް ދުނިޔޭގައި ތަރައްގީވަމުން އަންނަ ގައުމުތަކާއި ތަރައްގީވެފައިވާ ބައެއްގައުމުތަކުގައި މަރުގެ ހުކުމް ތަންފީޒު ކުރާކަން ފާހަގަކޮށް ސިންގަޕޫރާއި ޖަޕާނުން ރައީސް ވަނީ މިސާލު ޖައްސަވާފަ އެވެ.

comment ކޮމެންޓް