އިމްރާން އަނބުރާ ޖަލަށް ގެންގޮސްފި

ސެއިހް އިމްރާން ގެއިން ނެރެގެން ޖަލަށް ގެންދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގޭ ބަންދުގައި ހުންނަވައިގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިހު އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އިމްރާން ބަދަލު ކުރީ މާފުށީ ޖަލަށް ކަމަށެވެ. އަދި ބަދަލު ކުރަނީ ހައި ޕްރޮޓެކްޝަންސް ދެއްވަން ޖެހޭ ބޭފުޅުންނަށް އެކަށީގެންވާ މާހައުލަކަށް ކަމަށާއި މާފުށީ ޖަލުގައި އެފަދަ މާހައުލެއް އެބަ އޮތް ކަމަށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު އިމްރާން ގޭ ބަންދަށް ބަދަލު ކުރީ ހިންމަފުށީ އައްސޭރިޖަލު މަރާމާތު ކުރުމަށް ކަމަށް ބުނެ އެވެ.

އައްސޭރި ޖަލުން ގެއަށް ބަދަލު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެވެ. އިމްރާން އެނބުރި ޖަލަށް މިރޭ ގެންދިއުމުން އެމަނިކުފާނުގެ ގޭ ބަންދަށް އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވީ އެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ޖަލަށްލިޔަސް އޭނާގެ އަޒުމެއް އަދި ރައްޔިތުންގެ ގުރުބާނީއެއް ޖަލަކަށް ނުލެވޭނެ ކަމަށެވެ.

އިމްރާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު "މޭޑޭ" މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ވުމުންނެވެ.

ކްރިމިނަލް ކޯޓުން ކުރި އެ ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށްފައިވާ އިރު އިމްރާން ޖަލަށް ބަދަލު ކުރާކަން އެމަނިކުފާނުގެ ވަކީލު އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ޔަގީންކޮށްދެ އެވެ.

comment ކޮމެންޓް