ޔާމީންގެ ޖަނާޒާ ބާއްވައިފި

ޔާމިން ރަޝީދުގެ ޖަނާޒާގެ ތެރެއިން ---

ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ ޖަނާޒާ ބާއްވައިފި އެވެ.

ޔާމީންގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދުގެ އަޞްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގަ އެވެ.

ރާއްޖޭގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި މަޝްހޫރު ބްލޮގަރ، އައްޑޫ ސިޓީ ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ ރޭ ދަންވަރު އޭނާ ގެއަށް ވަން ގަޑީގައެވެ. އަދި އޭނާ މަރުވެފައި ވަނީ ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިނިވަންކަމާއި އިންސާފުވެރިކަމާއެކު ޔާމީންގެ މަރު ތަހުގީގުކޮށްދިނުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އިތުރުން ރައީސް ވަހީދު ވަނީ ގޮވާލާފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމިންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި އެ އިދާރާއަށް ލިބިފައިވާ ހުރި ހުރިހާ ވަސީލަތެއް އޭގެ އެންމެ މަތީ ދަރަޖާގައި ބޭނުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ޔާމީންގެ މަރާ ގުޅިގެން ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ޔާމީންގެ މަރަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެއް ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް