ޔާމީނަކީ ހީވާގި މުވައްޒަފެއް، އޭނާ ވަނީ އެންމެންގެ ލޯބި ހޯދާފައި: ސްޓޮކް އެކްސްޗޭންޖް

ޔާމީން ރަޝީދު: ސަރުކާރުން ވަނީ އޭނާ މަރާލުމަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ----

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގަރު، ޔާމީން ރަޝީދު ވަޒީފާ އަދާކުރަނީ ހަރުދަނާކަމާއެކު ކަމަށާއި އޭނާއަކީ އޮފީހުގެ އެހެން މުވައްޒަފުން ލޯބި ލިބިފައިވާ މުވައްޒަފެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނެފިއެވެ.

އައްޑޫ ސިޓީ ފޭދޫ ޗަނބޭލީގޭ ޔާމިން ރަޝީދު، 29 ގެ ހަށިގަނޑުގެ އެކިތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި އޮއްވައި ފެނުނީ ރޭ ދަންވަރު އެވެ. އަދި އައިޖީއެމްއެޗަށް ގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ ނިޔާވެފަ އެވެ.

މަރާލިއިރު، ޔާމީން މަސައްކަތް ކުރަމުން ދިޔައީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އައިޓީ ޑިޕާޓްމަންޓުގަ އެވެ.

ޔާމީންގެ މަރާ ގުޅޭ ގޮތުން ސްޓޮކް އެކްސްޗޭޖުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔާމީން ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ހަބަރު ލިބުނީ ފުން ހިތާމަ އާއި ނުތަނަވަސް ކަންމަތީގައި ކަމަށެވެ.

މީހުންގެ ލޯބި ހޯދާފައިވާ ޔާމީންގެ މަރަކީ އޭނާ ދަންނަ އެންމެންނަށް ވެސް ލިބިގެންދިޔަ ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"އެންމެ ފަހުން ޔާމީން މަސައްކަތްކުރަމުން އައީ، ކުރިއަށް އޮތް ހަފްތާ ތެރޭގައި ލޯންޗުކުރަން ހަމަޖެހިފައިވާ މި ކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އާ އޮންލައިން ޕޯޓަލްގެ މަސައްކަތުގައި،" ސްޓޮކް އެކްސްޗޭންޖުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔާމީންގެ މަރުގެ ހިތާމައިގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު މިއަދު ބަންދު ކޮށްފައިވާއިރު، ޔާމީންގެ މަރުގެ މައްސަލަ ޕްރޮފެޝަނަލް އަދި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ސްޓޮކް އެކްސްޗޭންޖުން ވަނީ ގޮވާލާފައެވެ.

ޔާމީނަށް ދިން ހަމަލާތަކުގައި އޭނާގެ ބޮލަށާއި ކަރަށް އަދި މެޔަށް ވެސް ބޮޑެތި ހަމަލާތަކެއް ދީފައިވާއިރު، އޭނާ މަރާލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ، މ. ސްޕެކްޓިއުލާ، ސިޑިގޮޅި ތެރޭގައެވެ.

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަމުންް އަންނަ އަދި އެ މައްސަލާގައި ސޯޝަލް މީޑިއާގައި ގިނަ މަސައްކަތްތަކެއް ކުރަމުން އައި ޔާމީންގެ މަރުގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކުރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާއިރު، އޭނާގެ މަރުގެ ތަހުގީގު އިންސާފުވެރިކޮށް ގެންގޮސް ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ޔާމީންގެ ޖަނާޒާ ވަނީ މިއަދުގެ އަޞްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައި ބާއްވާފައެވެ.

comment ކޮމެންޓް